އިންޑިއާގެ މަޝްހޫރު ތަރި ކަންގަނާ ރަނާއުތް ކުޅުނު ފިލްމު "ދަކާޑް" ނާކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނި ގިނަ ބަޔަކު ފާޑުކިޔުމާ ގުޅިގެން ކަންގަނާ ނުރުހުން ފާޅުކޮށްފި އެވެ.

މެއި މަހުގެ 20 ވަނަ ދުވަހު އެ ފިލްމު ރިލީޒްކޮށްފައިވާއިރު، ފިލްމު އެޅުވި ގިނަ ތިއޭޓަރެއްގައި އެ ފިލްމު އެޅުވުން ވަނީ ކެންސަލްކޮށްފަ އެވެ. ސަބަބަކީ ފިލްމު ބަލަން އެއްވެސް މީހަކު ގޮސްފައި ނުވުމެވެ.

ކަންގަނާ ފެނިގެންދާ ދަކާޑު ބެލި ބެލުންތެރިންގެ ހިޔާލަށް ބަލާއިރު، ބެލުންތެރިންނަށް އެ ފިލްމު ކަމުގޮސްފައެއް ނުވެ އެވެ. އަދި ދުވަހެއް ދުވަހަކަށް އެފިލްމަށް ލިބޭ ތަރުހީބު ވަނީ މަދުވެފަ އެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ނޫސްތަކުގައި މިކަން ފާހަގަކޮށްފައިވާއިރު، ކަންގަނާ ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ބޮލީވުޑްގައި ތަރުހީބު މަދުވި ގިނަ ފިލްމުތަކަކާއި، އެއަށް ލިބިފައިވާ ރޭޓިން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ހިއްސާކޮށްފައިވެ އެވެ.

ކަންގަނާ ބުނީ، "ދަކާޑް" ފްލޮޕަކަށްވީ ހަބަރު ކޮންމެ ނޫހެއްގައި ވެސް ޖަހައި އެކަމާއި ގުޅޭ ހަބަރުތައް ކިޔައި ކިޔައި އޭނާ މިހާރު ވަނީ ވަރުބަލިވެފައި ކަމަށެވެ. އަދި އެންމެން ވެސް ދައްކަނީ ކަންގަނާގެ ފިލްމު ފްލޮޕަކަށްވީ ވާހަކަ ކަމަށާއި، އެދުވަސްކޮޅު ނެރުނު އެހެން ފިލްމުތައް ފްލޮޕަށް ވީ ވާހަކަ އެއްވެސް މީހަކު ނުދައްކާކަން އޭނާ ފާހަގަކޮށްފައިވެ އެވެ.

ކަންގަނާގެ ފިލްމުގެ ބަދަލުގައި އެދުވަސްކޮޅު ގިނަ ބައެއްގެ ތަރުހީބެއް ލިބުނީ ހަމަ އެދުވަހު ނެރުނު ފިލްމު "ބޫލް ބުލައްޔާ 2" އަށެވެ. "ބޫލް ބުލައްޔާ 2" އަކީ 2007 ވަނަ އަހަރު އަކްޝޭ ކުމާރާއި ވިދްޔާ ބާލަންއާއެކު ޕްރިޔަދަރްޝަން ގެނެސްދިން ހޮރޯ- ކޮމެޑީ "ބޫލް ބުލައްޔާ" ގެ ސީކުއެލްއެކެވެ.