މިދިޔަ އަހަރުގެ ޑިސެންބަރު މަހު ކައިވެނިކުރި ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ، ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް އަށް ދަރިޔަކު ލިބެން އުޅޭ ވާހަކަތަކެއް އަނެއްކާވެސް ފެތުރެން ފަށައިފި އެވެ.

ވަރަށް ސިއްރުން ދެމީހުން ރައްޓެހިވެގެން އުޅުމަށް ފަހު ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ މިދިޔަ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އުމުރުން 38 އަހަރުގެ ބަތަލާ ކެޓްރީނާ ބަލިވެއިންކަމުގެ ވާހަކަތަކެއް މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ދެކެވިފައިވެ އެވެ.

ކެޓްރީނާގެ ވަރަށް ގާތް ބަޔަކާ ހަވާލާދީ މީޑިއާތަކުން ބުނީ އޭނާ އިނީ ހަގީގަތުގައި ވެސް ބަލިވެކަމަށާ އެކަމާ ދެ ފަރާތުގެ އާއިލާ އިން ވެސް ވަރަށް އުފަލުން ތިބި ކަމަށެވެ.

އެހަބަރު ކެޓްރީނާގެ ޓީމުން ވަނީ ދޮގުކޮށްފަ އެވެ.

ނަމަވެސް އަނެއްކާވެސް ކެޓްރީނާ ބަލިވެއިންކަމުގެ ވާހަކަތައް ވަނީ ފެތުރެން ފަށާފަ އެވެ. ހަމައެހެންމެ ކެޓްރީނާ އެއްވެސް ގޮތަކަށް އާންމުންނަށް ނުފެނި، އަދި މީޑިއާ ތަކާއި ދުރުގައި އުޅޭކަން އާންމުން މިހާރު ވަނީ ފާހަގަކޮށްފަ އެވެ.

މިކަން ފާހަގަކޮށް އާންމުން ސޯޝަލްމީޑިއާއާ އެހެނިހެން ޕްލެޓްފޯމުތަކުގައި ސުވާލު އަމާޒުކުރި ނަމަވެސް މިކަމަށް ކެޓްރީނާ ނުވަތަ ވިކީގެ އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.