ކެރަލާ (ޖުލައި 16) - ދިވެހިންގެ ގިނަބަޔަކު ވެސް އެކި ބޭނުންތަކުގައި ދަތުރުކުރާ އިންޑިއާގެ ކެރަލާ ސްޓޭޓުން މަންކީޕޮކްސްގެ ކޭހެއް ފުރަތަމަ ފަހަރަށް ފެނިއްޖެ އެވެ.

ސްޓޭޓުގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވިދާޅުވީ މަންކީޕޮކްސް އަށް ޕޮޒިޓިވްވެފައި ވަނީ ޔޫއޭއީން ދަތުރުކުރި މީހެއް ކަމަށެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް މިހާރު އަޅަމުންދާ ކަމަށާއި ކަންބޮޑުވާން ޖެހޭ ކަމެއް މި ވަގުތު ނެތް ކަމަށް ވިދާޅުވި އެވެ. ބައްޔަށް ޕޮޒިޓިވްވި މީހާ މިވަގުތު ހުރީ ކޮއްލަމްގައި ހުންނަ އޭނާގެ ގޭގަ އެވެ.

ބަލީގެ އަލާމާތްތައް ފެނުމުން އެ މީހާ ފުރަތަމަ ގެންދިޔައީ ކޮއްލަމްގެ ހޮސްޕިޓަލަކަށެވެ. އޭގެ ފަހުން އޭނާ ވަނީ ޓްރިވެންޑްރަމް މެޑިކަލް ކޮލެޖަށް ބަދަލުކޮށް، ގާތުން މޮނިޓާ ކުރަން ފަށައިފަ އެވެ. ޑްރިވެންޑްރަމަކީ އެންމެ ގިނަ ދިވެހިން ބޭސްފަރުވާ އަށް ދަތުރުކުރާ އެއް ސިޓީއެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މީހާގެ މައިންބަފައިންނާއި އެމީހާއާ އެކު މަތިންދާ ބޯޓުން ދަތުރުކުރި 11 މީހަކު ވެސް އޮބްޒަވޭޝަނަށް ލާފައިވާ ކަމަށެވެ. ބައްޔަށް ޕޮޒިޓިވްވި މީހާ ދަތުރުކުރި އޮޓޯ ރިކްޝޯ އާއި ޓެކްސީ ޑްރައިވަރު ވެސް މިހާރު ވަނީ ކަމާބެހޭ ފަރާތްތަކުން ދެނެގަނެވިފަ އެވެ.

"ހުރިހާ ކަމެއް ވެސް ވަނީ ކޮންޓްރޯލްގެ ދަށުގައި. ކަންބޮޑުވާން ޖެހޭ ކަމެެއް ނެތް. ބަލީގެ އިންކިއުބޭޝަން މުއްދަތަކީ 21 ދުވަސް. ހެލްތު ޑިޕާޓްމަންޓް ވަނީ މިކަމަށް ފުރިހަމަ އަށް ތައްޔާރުވެފައި،" ޖޯޖް ވިދާޅުވި އެވެ.

ކެރަލާ އިން މަންކީޕޮކްސްގެ ކޭހެއް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުމުގެ ގޮތުން މައި ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ޓީމެއް ވެސް މިހާރު ވަނީ ފޮނުވައިފަ އެވެ.

މަންކީޕޮކްސް މީގެ ކުރިން ބޮޑަށް ފެތުރިފައި ވަނީ އެފްރިކާގެ ގައުމުތަކުގަ އެވެ.