ސްރީ ލަންކާގެ ރައީސްކަމުން އިސްތިއުފާ ދެއްވި ގޯޓާބަޔާ ރާޖަޕަކްސާ ރާއްޖެ ވަޑައިގަތުމުން މި ދެތިން ދުވަހު ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ބަހުސެއް ކުރިއަށް ދިޔަ އެވެ. އެއް ބަޔަކު ގަބޫލްކުރާ ގޮތުގައި ގޯޓާބަޔާ އަށް ރާއްޖެ އެތެރެވެވިގެން ނުވާނެ އެވެ. އަނެއް ބަޔަކަށް އެއީ މައްސަލައެއް ނޫނެވެ.
ހަގީގަތަކީ ގޯޓާބަޔާ ރާއްޖެ ވަޑައިގެންނެވި އިރު އެމަނިކުފާނަކީ ސްރީ ލަންކާގެ ރައީސްކަމެވެ. ނޮވެމްބަރު 16، 2019 ގައި ބޭއްވި ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލީ 16 މިލިއަން މީހުންގެ ތެރޭން 52 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ގޯޓާބަޔާ ވެރިކަމަށް ވަޑައިގަތުމަށް ތާއީދުކޮށްފަ އެވެ. އެ ދުވަހުން ފެށިގެން ދެ އަހަރާއި 238 ދުވަސް ފަހުން ގޯޓާބަޔާ އިސްތިއުފާ ދެއްވުމާ ހަމައަށް އެމަނިކުފާނުގެ މައްޗަށް އެއްވެސް ކޯޓަކުން އަމުރެއް ނެރެ ޕާސްޕޯޓް ހިފަހައްޓައިފައެއް ނުވެ އެވެ. އިންޓަޕޯލުން ނޯޓިހެއް ނެރެފައެއް ނުވެ އެވެ. އެހެންވެ އެއީ ސްރީ ލަންކާގެ ގާނޫނީ ރައީސް އެވެ.
ބައިނަލްއަގުވާމީ ޑިޕްލޮމެސީ އަކީ ގައުމެއްގެ ވެރިއަކު އަނެއް ގައުމަށް ވަޑައިގަންނަވާ ނަމަ މަރުހަބާ ކިޔުމެވެ. އެ ހައިސިއްޔަތުން ގޯޓަބަޔާ އަށް ރާއްޖެ އިން މަރުހަބާ ކިޔަންޖެހެ އެެވެ.
ގައުމެއްގެ ވެރިއަކު ވެރިކަންކުރި ގޮތުން އެ ގައުމެއްގެ އިގްތިސާދު ހީނަރުވެ، ރައްޔިތުންނަށް ބިކަ ހާލު ޖެހުމަކީ އެ ވެރިއަކު އަނެއް ގައުމަކަށް އެތެރެވުން މަނާކުރާ ކަމެއް ނޫނެވެ. އެފަދަ ބައިނަލްއަގުވާމީ ހަމައެއް ވެސް ނެތެވެ.
އެއް ބައެއްގެ ނަޒަރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މެދުވެރިވެވަޑައިގެން ގޯޓާބަޔާ ރާއްޖެ އެތެރެވުމުގެ ހުއްދަ ދެއްވުމަކީ އެމަނިކުފާން ކުރެއްވި ކުށެކެވެ. އެކަމަކު އެކަމުގައި ކުށަކީ ކޮބައިތޯ އެވެ. ގޯޓާބަޔާ އަށް މަރުހަބާ ވިދާޅުވުމަށް ރައީސް ނަޝީދު އެއާޕޯޓަށް ވަޑައިގަތުމުގައި ވެސް މައްސަލައަކީ ކޮބައިތޯ އެވެ. ހުކުމެއްގައި ހުންނަވައިގެން ރައީސް ނަޝީދުގެ ސިޔާސީ އެތައް މަސައްކަތެއް ސްރީ ލަންކާގައި ހިންގެވުމުގައި އެ ގައުމުގެ ސަރުކާރުން ދެކޮޅު ހަދައިފައެއް ނުވެ އެވެ. އެހެންވެ ފަރުދީ ހައިސިއްޔަތުން ވެސް ލަންކާގެ ރައީސް އަށް މަރުހަބާ ވިދާޅުވާން ރައީސް ނަޝީދު ވަޑައިގަތުމުގައި މައްސަލައެއް ނެތެވެ.
ގޯޓާބަޔާ ރާއްޖެ އެތެރެވުމުގައި ދިވެހި ސަރުކާރުން ކަންތައް ކުރި ގޮތާ މެދު ރައީސް ނާޝީދު ވެސް ވަނީ ތައުރީފް ކުރައްވައިފަ އެވެ.
ގައުމުގައި ހުންނަވައިގެން ގޯޓާބަޔާ އިސްތިއުފާ ދެއްވި ނަމަ އެމަނިކުފާނަށް އެތައް ގޮތަކުން ނުރައްކާ ކުރިމަތިވީހެވެ. ވެރިކަމުގައި ހުންނަވަނިކޮށް ވެސް ރައްޔިތުން ވަނީ ރިޔާސީ ގަނޑުވަރަށް ވަދެ ސްވިމިން ޕޫލަށް އެރި، ބަދިގޭގައި ކައްކާފައި ހުރި ކާބޯތަކެތި ކައި ހަދައި، އަދި ގަނޑުވަރުގެ އެނދުތަކުގައި އޮށޯވެ ހަދައިފަ އެވެ. އެހެންވެ ރައީސަކަށް ނުރައްކާވެފައި އޮތް ހާލަތެއްގައި ރާއްޖެ އިން އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ވެސް އަވަށްޓެރި ގައުމަކަށް ވެވޭ އެހީއެކެވެ.
ލަންކާ އަކީ ވަރަށް ގިނަ ދިވެހިން ދިރިއުޅޭ ގައުމެކެވެ. އެ ގައުމަށް ދިމާވާ ކޮންމެ އުނދަގޫ ހާލަތެއްގައި ދިވެހިންގެ ތެރޭން ވެސް ބައެއް މީހުންނަށް އެކަމުގެ އުނދަގޫތައް ތަހައްމަލު ކުރަން ޖެހެ އެވެ. އެހެންވެ ލަންކާގެ ކުރީގެ ރައީސްއާ މެދު ދިވެހިންގެ ތެރޭން ވެސް ބައެއް މީހުންގެ ނުރުހުން އޮވެދާނެ އެވެ.
ސްރީ ލަންކާގެ ގައުމީ ދަރަންޏަކީ ހަމައެކަނި ގޯޓާބަޔާ ސަރުކާރުން ބޮލުއަޅަން ޖެހޭ ކަމެއް ނޫނެވެ. އެއީ ކުރީގެ ސަރުކާރުތަކުން ވާރުތަކުރަމުން އައިސްފައިވާ ބޮޑު ދަރަންޏެކެވެ. އިސްތިއުފާ ދިން ސަރުކާރުގެ އެންމެ ބޮޑު މައްސަލައަކީ ވެރިކަމަށް އައުމަށް ފަހު ރައްޔިތުންގެ އަތުން ނަގައި ޓެކްސްތައް ކުޑަކޮށް، އާމުދަނީ ލިބޭނެ ވަސީލަތްތަކާ ކުޅެން ފެށުމެވެ. އެ ހާލަތުގައި ކޮވިޑުގެ ބަލިމަޑުކަން ކުރިމަތިވެ ޓޫރިޒަމް ހުއްޓުމަކަށް އައުމާ އެކު އެކްސްޕޯޓް ވެސް ހުއްޓުނެވެ. ނަތީޖާއަކީ ލަންކާ އަށް ބޭރު ފައިސާ ލިބޭނެ ދޮރުތައް ބަންދުވުމެވެ. ކުރީގެ ސަރުކާރުގެ މައްސަލައަކީ ގައުމު އަނދަވަޅަކަށް ވެއްޓެމުންދާކަން އެނގޭ އިރު ވެސް އިގްތިސާދު މެނޭޖްނުކުރެވުމެވެ. އެކަމުން ރައްޔިތުންނަށް ލިބޭނެ ގެއްލުމަކަށް ވިސްނައި ދުރާލައި ފިޔަވަޅުތައް ނޭޅުމެވެ.
ދުވާލަކު ހަތްގަޑިއިރު ތެޔޮ ހޯދަން ކިޔޫގައި ތިބުމަކީ ރައްޔިތުންނަށް ކުޅަދާނަ މިންވަރެއް ނޫނެވެ. ދުވަހުގެ ބޮޑުބައި ކަރަންޓާ ނުލައި ތިބުމަކީ ކެތްކުރެވޭނެ ކަމެއް ނޫނެވެ. ގޭސް ނުލިބިގެން ނުކައްކައެއް ނުތިބެވޭނެ އެވެ. ބޭސް ނުލިބިގެން ފަރުވާ ނުދީ ނުތިބެވޭނެ އެވެ. ތަކެތީގެ އަގުބޮޑުވަމުން ދިޔައީ ރައްޔިތުންނަށް އަތްފޯރާ މިންވަރަކަށް ނޫނެވެ.
އެ ހާލަތުގައި ސަރުކާރު ބަދަލުކުރަން ނުކުތުން ނޫން ގޮތެއް ރައްޔިތުންނަކަށް ވެސް ނޯންނާނެ އެވެ. އެކަމަކު ރައްޔިތުންގެ އެ ރުޅިވެރިކަމަކީ ގޯޓާބަޔާ އެހެން ގައުމަކަށް އެތެރެވުން މަނާކުރާނެ ކަމެއް ނޫނެވެ.
ގޯޓާބަޔާ ރާއްޖެ ވަޑައިގަތުމުން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އިރު ވެސް ދިވެހި ސަރުކާރުން އެކަމުގައި ޖަވާބުދާރީވުން ލަސްކުރުމަކީ މައްސަލައެކެވެ. ފުރަތަމަ ދުވަހު ވެސް ބަޔާން ނެރުނު ނަމަ ކޮންމެވެސް ވަރަކަށް މީހުން އެކަން ގަބޫލްކުރީހެވެ.
ގޮތަބެޔާގެ ފުރާނައަށް ނުރައްކާއޮތްކަމަކީ ސައްކެތްއޮތް ކަމެއްނޫނެވެ. ޖަޒުބާތުގަ ތިބި ރައްޔިތުން އަތުން ފައިން ގޯހެއް ހެދުމުގެ ފުރުސަތުވެސް އެހާމެ ބޮޑެވެ. މިފަދަ ހާލަތެއްގައި ބައިނަލްއަގުވާމީ މިންގަޑުތަކާއި ދެ ގައުމުގެ ގާނޫނީ އިމުގެތެރެއިން ގޮތަބެޔާ ރާއްޖެ އެތެރެވުގެ ފުރުސަތު ދިނުމަކީ ލަންކާގެ ރައްޔިތުންނަށްވެސް އެންމެ ފައިދާހުރި ގޮތެވެ. ސިޔާސީ ގޮތުންވެސް އެންމެ ރަގަޅު ގޮތެވެ. އެހެންނޫނީ ސިޔާސީ ވާދަވެރިކަމުގައި ރައްޔިތުން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލާން ޖެހިދާނެއެވެ.
ކުރީ ސަރުކާރު ބޮލަށް. ބަލަ 2 އަހަރާ 200 ދުވަހުގެ ތެރޭގައި ކަންކަން މެނޭޖް ނުވީ. ގޮތަބަޔާ އިިސްތިއުފާ ދީ ރަށުގައި ހުރެ ހައްޔަރުކުރުމަކުން ހަމަ ޝަރީއަތެއް ހިންގާނީ އެގައުމުގެ ކޯޓުތަކުން. ފިލުވުމަށް ފުރުސަތު ފަހިކޮށް ދިނީ މި ގައުމުން.