ބޮލީވުޑްގެ މަޝްހޫރު ތަރި ޝްރައްދާ ކަޕޫރަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ.

ޝްރައްދާގެ އެކްޓުކުރުމުގެ ހުނަރުގެ އިތުރުން އޭނާގެ މިޒާޖަކީ ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ އެއްޗެކެވެ. ޝްރައްދާގެ ހިތްތިރިކަމާއި އެކުވެރި މިޒާޖަކީ އާންމުންނަށް ވަރަށް ގިނައިން ފެންނަން ލިބޭ މަންޒަރުތަކެކެވެ.

އެގޮތުން ދާދި ފަހުންވެސް ޝްރައްދާ ކަސްރަތު ކުރުމަށް ފަހު ޖިމުން ނިކުމެގެން އަންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، އޭނާ ވަނީ އެސަރަހައްދުގައި ތިބި ކުޑަކުދިންނާއި އެކުވެރި މިޒާޖަކުން ވާހަކަދައްކާފަ އެވެ. އަދި ދަމުން އޭނާ ދިޔައީ އެކުދިންނަށް މެޓާ ބަހާފަ އެވެ.

ވީޑިއޯގައި މި މަންޒަރު ފެނިގެންދާއިރު، ގިނަ ބަޔަކަށް މިކަމުން ފާހަގަވެފައިވަނީ ޝްރައްދާގެ ހިތްތިރި ކަމާއި، އެކުވެރި މިޒާޖެވެ. އަދި އެކަން ފާހަގަކޮށް ގިނަ ބަޔަކު ވަނީ ޝްރައްދާއަށް ތައުރީފު ކޮށްފަ އެވެ.

ފިލްމީ އިންޑަސްޓްރީގައި ޝްރައްދާ ކުރަމުންދާ މަސައްކަތަށް ބަލާއިރު، އޭނާ ދަނީ "ލަވް ރަންޖަން" ފިލްމުގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުގައި އޭނާއާ އެކު ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރު ލޯބީގެ ރޯލަކުން ފެނިގެންދާނެ އެވެ. އަދި އެދެމީހުންގެ ކެމިސްޓްރީ ކަމުދާކަމަށް މިހާރުވެސް އާންމުން ސޯޝަލްމީޑިއާގައި ބުނެފައިވެ އެވެ.