މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި, "ހެއްކާ ބެހޭ ބިލު" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ހެއްކާބެހޭ ގާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ އާންމު އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ.

މި ބިލު ފާސްކުރުމާ ދެކޮޅަށް ނޫސްވެރިންވަނީ މަޖިލީހުގައި ބިލަށް ވޯޓަށް އެހި ދުވަހު މަޖިލިސް ކުރިމަތީގައި އިހްތިޖާޖު ކޮށްފަ އެވެ. ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް އިޖްތިހާޖު ކުރުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް މިއަދު ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އަދި އެ ބިލް ފާސްވެ ގާނޫނަކަށް ވުމުން ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހެއްކާ ބެހޭ ގާނޫނަކީ ބޮޑު ސިންގާ މަސައްކަތެއް. އެކަން އެ ނިމުނީ ހަ މަސް، ހަތް މަސް ފަހުން. އަޅުގަނޑަށް ހިތަށް އަރަނީ ދެން ކުރެވެން އޮންނާނެ ގޮތަކީ މިކަން މިހެން ގެންގޮސްފައި ބިލު ފާސްކޮށްފައި އަނެއްކާ އަނބުރާ ތިޔަ ބޭފުޅުންގެ އިސްލާހެއް އަޅުގަނޑުމެން އެންޓަޓެއިން ކުރުން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުުވިޔަސް މި ބިލު އޮތް ގޮތުން ހުރި ކަންބޮޑުވުންތައް އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް އެމްއެމްސީއިން ވަނީ މީގެ ކުރިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައިވެސް ހިއްސާކޮށްފަ އެވެ. މަސްދަރުގެ މައުލޫމާތު އާންމުކުރުމުން، އެ މީހަކާއި އެ މީހަކާ ގުޅުން ހުރި ބަޔަކަށް އަނިޔާއެއް ނުލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް ބުނެ އެމްޖޭއޭ ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރެއްވީ 180 އަށް ވުރެ ގިނަ ނޫސްވެރިން ރައީސުލްޖުމްހޫރިއްޔާއަށް މި ބިލުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ޕެޓިޝަނެއް ވެސް ހުށައަޅާފައި ވަނިކޮށެވެ.

ވަކި ހާލަތެއްގައި މަސްދަރު ހާމަކުރުމަށް އޮތީ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގަ އެވެ. މި މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުން މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ އެވެ. އެފަދަ ހާލަތެއްގައި ނޫސްވެރިންނަށާއި، މީޑިއާއަށް މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުމުގެ ބާރު ފަނޑިޔާރަށް އޮވެ އެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން ހެއްކާބެހޭ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފަ އެވެ. މި ގާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ހަ މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. އަދި، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ހެއްކާބެހޭ ގާނޫނާއި، އަންހެނުންގެ ހެކިބަހުގެ ގާނޫނު އުވިގެން ދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.