ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް އެމްއެމްޕީއާރުސީން ނިންމައިފި އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި އެމްއެމްޕިއާރްސީން ނިންމާފައި ވަނީ ގއ. ވޮޑަމުލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށްގެން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާ ހޯދަން ސިވިލް ކޯޓަށް ދިޔުމަށެވެ. އެ ފައިސާ ހުރީ ޔާމީންގެ އެކައުންޓްގައި ކަމަށް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ބުނެފަ އެވެ.
އެ ފައިސާ ހޯދަން ކޯޓަށް މައްސަލަ ހުށަހަޅަން އެ ކުންފުނިން ނިންމީ ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ޖިނާއީ ދައުވާ ސާބިތުނުވިޔަސް އެ މައްސަލާގައި ހިމެނޭ ފައިސާ ހޯދަން މަސައްކަތް ކުރުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާތީ އެވެ.
ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރީ މިދިޔަ އަހަރުއެވެ.
ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަދެފައިވާކަން ތަހުގީގީ އިދާރާތަކުން އެމަނިކުފާނުގެ ސަމާލު ކަމަށް ގެނެސްފައިވަނިކޮށް އެ ފައިސާއިން މަންފާ ހޯދާފައިވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
އެކަމަކީ ދައުލަތުގެ އެއްބައިވަންތަކަން ގެއްލޭ ގޮތަށް ގާނޫނީ ވެރިކަމާ ހިލާފަށް އަދި ރައިސުލްޖުމްހޫރިއްޔާގެ މަގާމުގެ ޒިންމާއާ ވެސް ހިލާފަށް އަމިއްލަ މަސްލަހަތު އިސްކޮށް ކޮށްފައިވާ ކަމެއް ކަމަށް އެ ހުކުމްގައިވެ އެވެ.
އެހެންކަމުން އެ ފައިސާގެ ހަގީގަތް ހޯދުމަށް ބަލާ ބެލުންތަކުން އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނަމަ، އެ ފައިސާ އާއި އެ ފައިސާއިން އިންވެސްޓްކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާ ނަމަ، އެ ފައިދާއެއް ހިމެނޭނެހެން ބަދަލު ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.