ލަންޑަން (20 ޖުލައި) - ޔޫރަޕްގެ އެކި ސަރަހައްދު ތަކަށް ހޫނުގެ އަސަރު ގަދަވެ، އެކި ހިސާބުތަކުގައި އަލިފާނުގެ ހާދިސާތައް ކުރިމަތިވަމުން އެބަދެ އެވެ.

އެގޮތުން އިނގިރޭސި ވިލާތުގެ ލަންޑަންގެ ގެތަކުގައި ރޯވެ އަނދަމުން ދާއިރު، އެ ގައުމުގެ ޖަންގަލިތަކުގައި ވެސް އަލިފާން ރޯވެ އަނދަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިނގިރޭސި ވިލާތުގައި ފާއިތުވެ ދިޔަ ހަފްތާގައި 41 ޑިގްރީ ސެލްސިއަސްގެ ރިކޯޑް މިންވަރަކަށް ހޫނު ގަދަވިއިރު، ރޭގަނޑުގެ ވަގުތު ވެސް ހޫނުމިން ދަށްވަނީ 38.8 ޑިގްރީއަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެއާއެކު ހޫނުގެ ސަބަބުން ލަންޑަން ހީތުރޫ އެއާޕޯޓުގެ ރަންވޭގެ ތާރުތައް ވިރެމުން އަންނާތީ އެ އެއާޕޯޓަށް ޖައްސަން ހަމަޖައްސާފައިވާ ފްލައިޓްތައް ވެސް ދަނީ ކެންސަލް ކުރަމުންނެވެ.

މީގެ އިތުރުން ވެސް ޖަރުމަނާއި އިޓަލީގެ ޖަންގަލިތަކުގައި ވެސް އަލިފާން ރޯވެ ހުޅުގަނޑު ކޮންޓްރޯލްކުރަން ފަޔާ ފައިޓަރުންނާއި ރެސްކިއު ޓީމުންތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ ހީޓްވޭވްގައި އެކި ގައުމުތަކަށް ރިކޯޑް މިންވަަރަކަށް ހޫނު ގަދަވެފައިވާއިރު މިކަމުގެ ސަބަބުން އާއްމު ދިރިއުޅުމަށް ވެސް ވަނީ ގިނަ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. -- އަލް އަރަބިއްޔާ