އާންމުކޮށް ނުފެންނަ ވައްތަރުގެ ބްލޫ ވޭލްއެއް ސިޑްނީގެ ކަނޑުގެ އައްސޭރިފަށުން ފެނިއްޖެ އެވެ.
މިއީ ފާއިތުވެދިޔަ 100 އަހަރުގެ ތެރޭގައި މި ވޭލް ފެނުނު ތިން ވަނަ ފަހަރު ކަމަށް ވައިލްޑްލައިފް އޮތޮރިޓީތަކުން ބުނެ އެވެ.
މިދިޔަ މަހުގެ ތެރޭގައި މި ވޭލް ފެނިފައިވަނީ ނިއު ސައުތް ވޭލްސްގެ ހުންނަ މަރޫބްރާގެ ބީޗްސައިޑް ސަބާބްގެ މޫދުކައިރި ސަރަހައްދުންނެވެ.
ނެޝަނަލް ޕާކްސް އެންޑް ވައިލްޑްލައިފް ސާވިސަސް އިން ވަނީ ހުކުރު ދުވަހު މި ވޭލް ފެނުނުކަން ކަށަވަރު ކޮށްދެއްވާފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޖަނަވާރު ކަމަށް ބެލެވިފައިވާ ބްލޫ ވޭލް ފެންނަނީ ވަރަށް މަދުން، މޫދުގެ އައްސޭރިފަށް ކައިރިންނެވެ.
"ބްލޫ ވޭލްއަކީ އެންމެ ބޮޑު ޖަނަވާރު، އެހެން ނަމަވެސް ސިޑްނީގެ މޫދުގެ އައްސޭރިފަށުން މީހަކަށް ނުފެނި އޭއްޗަށް ދެވިދާނެ،" އެންޑްރޫ މާޝަލްއާއި ހަވާލާދީ އެންޕީޑަބްލިއުއެސް އިން ނެރުނު ނޫސްބަޔާނެއްގައިވެ އެވެ.
މާޝަލް ވިދާޅުވިގޮތުގައި އެ ވޭލްގެ ދިގު މިނުގައި 25 މީޓަރު ހުންނާނެ ކަމަށާއި ބަރުދަނުގައި 100 ޓަން (100،00 ކިލޯގްރާމް) ހުންނާނެ ކަމަށް ލަފާކުރެވެ އެވެ.
"އޭގެ ސައިޒް ބޮޑުވިޔަސް އާންމުކޮށް ވޭލް ބަލަން ދާ މީހުންނަށް ވެސް ނުފެނި އޭތި ގޮސްދާނެ،" މާޝަލް ވިދާޅުވި އެވެ.
"އާންމު ކޮށް ބްލޫ ވޭލް ނުފެންނަނީ ކަނޑުގެ ވަރަށް ދުރު ސަރަހައްދުތަކުގައި އުޅޭތީ، އެ އެއްޗެހީގެ އާބާދީވެސް އޮންނަނީ ކަނޑުގެ އެކި ހިސާބުތަކަށް ބެހިފައި. އެހެން ކަމުން ސީދާ އޭތި އުޅޭ ތަނާއި ހިޖުރަ ކުރުމުގެ ކަންތައް ހުންނަ ގޮތް ހޯދުމަކީ އުނދަގޫ ކަމެއް،" އޭނާ އިތުރަށް ވިދާޅުވި އެވެ.
މަދުން ނޫނީ ނުފެންނަ މި ވޭލްގެ ފޮޓޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ.
އެ ފޮޓޯގްރާފަރު ބުނި ގޮތުގައި އެ މަސް ފެނުމުން ބުނާނެ އެއްޗެއް ވެސް ނޭނގި ބަސްހުއްޓުނު ކަމަށާ އެ މަހުގެ ފޮޓޯއެއް ނެގުމުން މާވަހަރެއް ލިބުން ފަދަ އިހުސާސެއް ކުރެވުނު ކަމަށެވެ.