ނިއު ދިއްލީ (24 ޖުލައި) - ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ އަވަށްޓެރި އިންޑިއާގެ އިތުރު ސިޓީތަކުން ވެސް މަންކީ ޕޮކްސްގެ ކޭސްތަކެއް ފެނިފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ހާމަ ކޮށްފި އެވެ.

އެގޮތުން މިހާތަނަށް މުޅި އިންޑިއާއިން ހަތަރު މީހަކު މަންކީ ޕޮކްސްއަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން ތިން މީހަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ކެރަލާ ސްޓޭޓުން ޕޮޒިޓިވްވި މީހުންނެވެ.

އޭގެ އިތުރުން މިއަދު ވެރިރަށް ނިއު ދިއްލީއިން މި ބައްޔަށް ޕޮޒިޓިވްވި 31 އަހަރުގެ މީހާއަކީ ގައުމުން ބޭރަށް ދަތުރު ކޮށްފައިނުވާ މީހެއް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

އިންޑިއާއިން މިކަން ހާމަކޮށްފައި މިވަނީ މަންކީ ޕޮކްސްއަކީ ދުނިޔެއަށް ކުރިމަތިވި ސިއްހީ ކުއްލި ހާލަތެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އިއުލާން ކޮށްފައި ވަނިކޮށެވެ.

އިންޑިއާ ފިޔަވައި އިރު ދެކުނު އޭޝިއާ ސަރަހައްދުން މަންކީ ޕޮކްސް ފެނުނު ގައުމަކީ ތައިލެންޑް އެވެ. އިންޑިއާއަކީ މި ސަރަހައްދުން ބަލި ފެނުނު ދެވަނަ ގައުމެވެ.

މަންކީ ޕޮކްސްއަކީ ގައިންގަޔަށް އަރާ ޒޮނޮޓިކް ވައިރަހުގެ ބާވަތެކެވެ. މި ބަލީގެ އަލާމާތްތައް ހިމަބިހީގެ އަލާމާތްތަކާ އެއްގޮތް ނަމަވެސް މި ބައްޔަކީ ހިމަ ބިއްސަށް ވުރެ ނުރައްކާ ކުޑަ ބައްޔެކެވެ.

މިހާތަނަށް މުޅި ދުނިޔޭގެ 75 ގައުމަކުން 16000 އަށްވުރެ ގިނަ މަންކީ ޕޮކްސް ކޭސްތައް ރެކޯޑް ކުރެވިފައިވާއިރު އެފްރިކާ ބައްރުން މި ބަލީގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ. -- އެންޑީޓީވީ