ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއް ކުޅެދީ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ރިތިކް ރޯޝަން އާއި ސަބާ އާޒާދުގެ ޖޯޑަށް އާންމުން ފާޑުކިޔައިފި އެވެ.

އެ ދެފަންނާނުން ވެސް އެންމެ ފުރަތަމަ ލޯބީގެ ގުޅުން ބާއްވާފައިވަނީ އާންމުނަށާއި، މީޑިއާތަކަށް ނާންގައި ސިއްރުންނެވެ. ނަމަވެސް ދެ ފަންނާނުން ވެސް އެ ދެ ފަންނާނުންގެ އާއިލާއާއެކީ އާންމުންނަށް ފެންނަން ފަށާފައިވާއިރު ގިނަ ބަޔަކު ވަނީ ދެތަރިންގެ އުމުރުގެ ތަފާތު ބޮޑުވުމުން ފާޑުކިޔާފަ އެވެ.

އެގޮތުން ރިތިކަށް 48 އަހަރު ފުރިފައިވާއިރު، ސަބާ އަކީ އުމުރުން 36 އަހަރުގެ ތަރިއެކެވެ. އަދި އެ ދެމީހުންގެ އުމުރުގައި 12 އަހަރުގެ ތަފާތެއް އޮވެ އެވެ.

އާންމުންނަށް އެންމެ ފުރަތަމަ ރިތިކް ސަބާއާއެކު ފެނުނީ މިއަހަރުގެ ކުރީކޮޅު، ފެބްރުއަރީ މަހުގައި ދެ މީހުން އެކީގައި ކެއުމަށް ރެސްޓޯރެންޓަކަށް ދިއުމަށްފަހު ނިކުމެގެން ދަނިކޮށެވެ. އޭރު ރިތިކް ހުރީ ސަބާގެ އަތުގައި ހިފައިގެނެވެ.

ރިތިކް އޭނާގެ ކުރީގެ ކައިވެެނި ރޫޅުމަށްފަހު ލޯބިވެރިއަކާއެކު ގިނަ ދުވަސްތަކަކަށް ފަހުގަ އާންމުންނަށް ފެނިފައިވާއިރު، ރިތިކްގެ ކުރީގެ އަންހެނުން ސުޒޭން ޚާން ވެސް ވަނީ މިފަހުން އޭނާގެ ލޯބިވެރިޔާގެ ފޮޓޯ އާންމުކޮށްފަ އެވެ.

ސުޒޭން ލޯބީގެ ގޮތުން ގުޅުނީ އަރްސްލަން ގޯނީއާ އެވެ.