ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ކިތަންމެ ހެޔޮފުޅު ބޭފުޅެއް ހުންނެވިކަމުގައި ވީނަމަވެސް، ސަރުކާރުގެ އިސް މަގާމުގައި ތިއްބަވާ ބޭފުޅުން ރަނގަޅުވެގެން ނޫނީ، ގައުމު ރަނގަޅު ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރޭ މެންދަމު 1:00 ގައި ކުރެއްވި ޓްވީޓެއްގައި މިކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާނު ވަނީ، ސަރުކާރުގައި ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅު ވެގެން ނޫނީ، ގައުމު ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފަހަކަށް އައިސް މިނިސްޓަރު ކުރައްވާ ޓްވީޓްތައް ގިނަވަމުންދާކަން އާންމުން ފާހަގަކޮށްފައިވާއިރު، މިކަމަކީ ސިޔާސީ ގޮތުން ބުރަދަނެއް ހުރި ބޭފުޅެއްކަން ހާމަކުރުމަށް ކުރައްވާ ކަމެއް ކަމަށް އާންމުން ބުނެ އެވެ. މިކަމާ ގުޅިގެން އަޑު އުފުލިނަމަވެސް، ސަރުކާރުގެ ތެރޭގައި ހިނގާ ނޭއްގާނީ ކަންތައްތައް ހުއްޓުވަން މަސައްކަތް ނުކުރައްވާކަން ފާހަގަކޮށް އާންމުން ވަނީ މިނިސްޓަރު އިމްރާނަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

ރާއްޖޭގައި ފުލުހުންގެ ކަންތައްތައް ބެލެހެއްޓުން ސަރުކާރުން މިނިސްޓަރު އިމްރާނާއި ހަވާލުކުރައްވާފައިވާއިރު، އާންމުން ވަނީ، ފަހަކަށް އައިސް ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައިއާ ޔޯގާ ހަރަކާތުގައި ފުލުހުން އަމަލު ކުރި ގޮތަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އެގޮތުން އެއްޖިްސުން ގުޅުން ހިންގާކަމަށް ތުހުމަތު ކުރާ މައްސަލައިގައި ހިމެނޭ ގިނަ ބަޔަކަށް ފިޔަވަޅު ނާޅާއިރު، ޔޯގާ ހަރަކާތާއި ގުޅިގެން ދީނީ އިލްމުވެރިން ހައްޔަރުކޮށް، އެމީހުންނަށް ފިޔަވަޅުއަޅާފައިވެ އެވެ. އަދި ދީނީ އިލްމުވެރިން ދޫކޮށްލުމަށް ގޮވާލައި އާންމުން މުޒާހަރާ ކުރި ނަމަވެސް، އެކަމަށް އެއްވެސް އިދާރާއެއްގެ އެއްބާރުލުމެއް ލިބިފައެއް ނުވެ އެވެ.