މި އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔައިރު، ސައުދީ އެއާލައިނުން މިއަދު އައީ 117 ހައްޖުވެރިންނެވެ.

ހައްޖުވެރިންނާއި އާއިލާގެ ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސައި އިތުރު މުވައްޒަފުން ހަރަކާތްތެރިވި ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ހައްޖާޖީން ބަލާ އެއާޕޯޓަށް ދާ މީހުންނަށް ހާއްސަކޮށްފައިވާ ބަސް ދަތުރުތައް ކޮންމެ 15 މިނިޓަކުން ބޭއްވި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާ ގުޅިގެން ހައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ އެ ބޭފުޅަކު އަމިއްލައަށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ، މާލެއިން ހުޅުމާލެއަށްދާ މީހުންނަށް ވެސްޓްޕާކާއި، ކާނިވާ ސަރަހައްދުގެ އިތުރުން ހުޅުމާލެ ފޭސް 1 އިން، އަދި ހުޅުމާލެ ފޭސް 2 އިން އެއާޕޯޓަށް ދިއުމަށް ވެހިކަލްތައް ހަޖައްސައިދިން ކަމަށެވެ. އެގޮތުން މި ހަތަރު ސަރަހައްދުން ވެސް ހެނދުނު ބަސް ދަތުރުތައް ހަމަޖައްސައިދީފައިވެ އެވެ، މިދަތުރުތައް ހަމަޖެއްސިއިރު ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަގޮތެއްގައި މި ސަރަހައްދުތަކުގައި ޓްރެފިކް ބަލަހައްޓާދީފައިވެ އެވެ. އަދި ހައްޖުވެރިން ޓެކްސީތަކާ ހަމައަށް ގެންގޮސްދިނުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އަދި ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރެޑްކްރެސެންޓްގެ އެމްބިއުލާންސް ވެސް އެއާޕޯޓުގައި ބާއްވާފައިވެ އެވެ.