މިއަހަރުގެ ދެވަނަ ކުއާޓާގައި ގެވެށި އަނިޔާގެ 169 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ބުނެފި އެވެ.

މިއަހަރުގެ ދެވަނަ ކުރާޓާގެ ތަފާސްހިސާބުތަކުން، ޖުމްލަ 169 މައްސަލައެއް ހުށަހަޅާފައިވާކަން ފާހަގަކޮށް އެ އޮތޯރިޓީން ބުނީ، އޭގެ ތެރެއިން ބައެއް މައްސަލަތަކަކީ އެއް މުއައްސަސާއަށް ވިރެ ގިނަ މުއައްސަސާތަކުން ހުށަހަޅާފައިވާ މައްސަލަތައް ކަމަށެވެ.

އެހެންވުމުން ފުރަތަމަ ކުރާޓާގައި ޖުމްލަ 188 ރިފަރަލް ލިބިފައިވާކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ.

އެފްޕީއޭއިން ބުނީ، އޭގެ ތެރެއިން އެންމެ ގިނަ ރެފަރަލް ހުށަހަޅާފައިވަނީ ޖެންޑާ މިނިސްޓްރީންނާއި، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކަމަށެވެ. އަދި އެ މިނިސްޓްރީން އެކަނިވެސް 100 ރެފަރަލެއް ހުށަހަޅާފައިވާއިރު، ފުލުހުންގެ ފަރާތުން 65 ރެފަރަލަކާއި، ސިއްހީ ހިދުމަތްތެރިންގެ ފަރާތުން 9 ރެފަރަލް އަދި އެ އޮތޯރިޓީއަށް ހަތަރު މައްސަލައެއް ހުށަހަޅާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ރާއްޖޭގައި ގެވެށި އަނިޔާ ހުއްޓުވައި، އާންމުން އެކަމަށް ހޭލުންތެރިކުރުވުމަށް 2020 ވަނަ އަހަރު މިނިސްޓްރީން ވަނީ "ގެވެށި" ގުޅުން ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ. އޭގެ އިތުރުން ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންނަށް ފަރުވާކުރުމަށް ތިން މަރުކަޒެއް ގާއިމުކުރުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ.

އެގޮތުން މި އަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ގެވެށި އަނިޔާއިން ސަލާމަތްކޮށް، ދުޅަހެޔޮ ސިއްހަތަކަށް އަނބުރައި އެމީހުން ގެނައުމަށްޓަކައި ފަރުވާދޭ މަރުކަޒުތައް ގާއިމުކުރަން ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލެ، ރ. އުނގޫފާރު އަދި ހިތަދޫ މަރުކަޒުގައި ކަމަށެވެ.