ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް އޮންލައިންކޮށް ނުހެދޭ ގޮތަށް ބާ ކައުންސިލުން ގަވާއިދަށް ގެނައި އިސްލާހުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކުރުމަށް އެ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މި މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ، މިހާރު ކޯސް ފަށައިގެން ކިޔަވަމުންދާ ދަރިވަރުން މި އިސްލާހުން އިސްތިސްނާކުރުމަށެވެ. އަދި އޮންލައިންކޮށް އިމްތިހާނު ނުހެދޭ ގޮތަށް ނިންމި އުސޫލަކީ ހަމައެކަނި އަލަށް އެ ކޯސްތަކާ ގުޅޭ ދަރިވަރުންގެ މައްޗަށް ހިނގާނެ އުސޫލެއްގެ ގޮތުގައި ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށެވެ.
ބާ ކައުންސިލުން ގާނޫނީ ތައުލީމުގެ "މިނިމަމް ސްޓޭންޑާޑްސް" އަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ގެނައި އިސްލާހުގައިވާ ގޮތުން، އަންނަ އަހަރުގެ 1 ޖެނުއަރީން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނުތަކެއް ހަދަން ޖެހެނީ އިމްތިހާނު ހަދާ މަރުކަޒަކަށް ހާޒިރުވެގެންނެވެ. މި ބަދަލާ މެދު ހިތްހަމަނުޖެހިގެން، ކޯސްތަކުގައި ކިޔަވަމުންދާ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
ދަރިވަރުންގެ ޕެޓިޝަނުގައި ފާހަގަކޮށްފައިވަނީ، އެ ކުދިން ކޯހުގައި ބައިވެރިވީ އޮންލައިންކޮށް ކިޔެވުމާއި އިމްތިހާނު ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބަލައިގެން ކަމަށެވެ. އެހެންކަމުން، ކޯހެއްގެ މެދުތެރެއިން މިފަދަ އަސާސީ ޝަރުތެއް ބަދަލުކޮށް، މަރުކަޒަކަށް ހާޒިރުވާން މަޖުބޫރުކުރުމަކީ އިދާރީ ގާނޫނުން ލިބިދޭ ހައްގުތަކަށް އުނިކަން އަންނަ ކަމެއް ކަމަށް ދަރިވަރުން ބުނެފައިވެ އެވެ.
މީގެ އިތުރުން ދަރިވަރުން އެދިފައިވަނީ، މިހާރު ފަށާފައިވާ ޕްރޮގްރާމްތައް ނިމެންދެން އެ އުސޫލަށް އަމަލުކުރުން ފަސްކޮށްދިނުމަށާއި، މި ބަދަލު އަލަށް ފަށާ ޕްރޮގްރާމްތަކަށް އެކަނި ތަންފީޒުކޮށްދިނުމަށެވެ. ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމި ނިންމުމަކީ ދަރިވަރުންގެ މި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ނިންމި ނިންމުމެކެވެ.
ޝާހިދުގެ ދިފާއު: ދޮންދަރިއެއް ނުހުންނާނެ
މާލޭގެ ވައި ވަރަށް ނުސާފު، ހަޖަމުގެ ސިއްހަތަށް ނުރައްކާ އެބައޮތް!
ނަފްސާނީ އެހީތެރިކަމަށް އޭއައި ބޭނުންކުރާ މިންވަރު އިތުރުވަނީ!
