ބޮލީވުޑް ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމަށް އެކްޓަރު ސަނީ ލިއޯން ސޮއިކޮށްފި އެވެ.
އަނޫރާގު ޑައިރެކްޓް ކުރާ ފިލްމަކަށް ސޮއިކުރިކަން ހާމަކުރަމުން ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން ބުނީ އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވެއްޖެ ކަމަށެވެ.
ސަނީ ލިއޯން ވަނީ އޭނާގެ އިންސްޓަގްރާމްގައި އަނުރާގްއާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.
މީގެ އިތުރުން ސަނީ ބުނީ އޭނާ ބޮލީވުޑްގައި ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫން ކަމަށާއި އެހެން ނަމަވެސް ކާމިޔާބުތަކެއް ލިބިފައިވާ ކަމަށެވެ.
އުމުރުން 41 އަހަރުގެ ބަތަލާ ބުނީ އަނުރާގް ދިން މި ފުރުސަތު ދުވަހަކު ވެސް ހަނދާން ނައްތާނުލާނެ ކަމަށެވެ.
އަނޫރާގުގެ ކުރިއަށް އޮތް ފިލްމާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް އަދި ހިއްސާ ކޮށްފައެއް ނުވެ އެވެ.
ސަނީ ލިއޯން ބޮލީވުޑަށް ނުކުތީ 2012 ވަނަ އަހަރު އެވެ. އޭގެ ކުރިން 2011 ގައި ސަނީ ވަނީ ރިއަލިޓީ ޝޯ ބިގް ބޮސްގައި ވެސް ބައިވެރިވެފަ އެވެ. އޭނާގެ ފަހަގަކުރެވޭ ފިލްމުތަކުގެ ތެރޭގައި ޖިސްމު 2، ރާގިނީ އެމްއެމްއެސް 2، އޭކް ޕެހެލީ ލީލާ ހިމެނެ އެވެ.
ފިލްމު ކުޅުމުގެ އިތުރުން ސަނީ އަކީ ޕްރޮގުރާމް ހުށަހަޅައިދޭ ފަންނާނެކެވެ. އެގޮތުން އެމްޓީވީގެ ރިއަލީ ޝޯއެއް ކަމަށްވާ ސްޕިޓްސް ވިލާ ސަނީ އަންނަނީ ހުށަހަޅައިދެމުންނެވެ.