ބެއިޖިންގް (29 ޖުލައި) - ޓައިވާން މައްސަލާގައި ޗައިނާއިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.

ޗައިނާއިން ބުނެފައިވަނީ ޓައިވާން މައްސަލައިގެ ތެރެއަށް އެމެރިކާއިން ވަދެގަތުމަކީ އެކަމުގެ ނަތީޖާ މާ ރަނގަޅު ވާނެ ކަމެއް ނޫން ކަމަށެވެ.

ޗައިނާއިން މި ބީދައިން ވާހަކަ ދައްކާފައި މިވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައި ވަނިކޮށެވެ.

"ޗައިނާއިން ވާނީ އެކި ފަހަރު މަތިން މި ގައުމުގެ އަމިއްލަވަންތަކަމާއި ގައުމިއްޔަތު ދިފާއު ކުރަން ކުރަން ޖެހުނު ހުރިހާ ކަމެއް ކުރާނެ ކަން ތަކުރާރުކޮށް އަންގާފައި،" ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ޓައިވާނަކީ އެގައުމުގެ މިލްކެއް ކަމަށް ގަބޫލުކުރާ ޗައިނާއިން ވަނީ ޓައިވާނުން މިނިވަންކަން އިއުލާން ކޮށްފި ނަމަ ހަނގުރާމައަކަށް ވެސް ދާން ފަސް ނުޖެހޭނެ ކަމަށް ބުނެފަ އެވެ.

ޗައިނާގެ މި އިންޒާރުތަކާ އެކު ވެސް ޕެލޯސީގެ އޭޝިއާ ދަތުރު ވަރަށް އަވަހަށް ފަށާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެން ނަމަވެސް މި ދަތުރުގައި ޓައިވާން ހިމެނޭކަން ނުވަތަ ނޫންކަން ޔަގީންވެފައެއް ނުވެ އެވެ.

ޓައިވާނުގެ މައްސަލާގައި އެމެރިކާއާއި ޗައިނާއިން ދެ ވިސްނުމެއް ގެންގުޅޭއިރު މިކަމުގެ ތެރޭގައި ދެގައުމުގެ ގުޅުމަށް ބޮޑު ހީނަރުކަމެއް އައިސްފައިވެ އެވެ. -- އަލް އަރަބިއްޔާ