މަންކީޕޮކްސްއަށް ޝައްކު ކުރެވިގެން ރާއްޖެއިން އިއްޔެ ޓެސްޓް ކުރި ބިދޭސީ މީހާ ނެގެޓިވް ކަމަށް ބުނެފި އެވެ.
މަންކީޕޮކްސްއަށް ޝައްކު ވުމުން ބިދޭސީ މީހާ ހުރީ ޓްރީޓޮޕް ހޮސްޕިޓަލްގައި ކަރަންޓީން ކޮށްފަ އެވެ. ހެލްތް މިނިސްޓްރީން ބުނީ މަންކީޕޮކްސްއަށް ޝައްކު ކުރެވުނު ކޭސްއާ ގުޅިގެން ކްލިނިކަލް ޓީމުން އިވެލުއޭޓް ކުރުމަށްފަހު ނިންމާފައިވަނީ އެމީހާގެ ގައިން ފެނިފައިވަނީ މަންކީޕޮކްސްގެ ސިފައެއް ނޫން ކަމަށެވެ. އެހެންކަމުން އެ މީހާ ހޮސްޕިޓަލުން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.
ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.
އެޗްޕީއޭ އިން ބުނީ މަންކީ ޕޮކްސް ފެތުރެން ފެށުމުން ދުނިޔޭގައި އެ ބަލި ފެތުރެމުންދާ ގޮތް މޮނިޓާކޮށް ބައްޔާ ގުޅިގެން ރާއްޖެއިން ވާންޖެހޭ ތައްޔާރީތަކަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ބައްޔަށް ސިއްހީ ހިދުމަތްތެރީން އަހުލުވެރި ކުރުމާއި ޓެސްޓް ކުރެވޭނެ ގޮތް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.