މައްކާ (30 ޖުލައި) - މިއަދު ފާހަގަކުރާ ހިޖްރީ އާ އަހަރާ ދިމާކޮށް ގެފުޅުގެ އުރަކޮޅު ބަދަލު ކޮށްފި އެވެ.

ސައޫދީ އަރަބިއާގެ ދެހަރަމާ ބެހޭ އިދާރާއިން ގެފުޅުގެ އުރަކޮޅު ބަދަލު ކޮށްފައި ވަނީ މިއަދު ހެނދުނު އެވެ.

މި އަހަރު ގެފުޅުގެ އުރަކޮޅު ބަދަލު ކޮށްފިވަނީ އެކަަމަށް ހާއްސަ ކުރެވުނު ކިންގް އަބްދުލް އަޒީޒް ކޮމްޕްލެކްސްގައި މަަސައްކަތްކުރާ 200 މުވައްޒަފުންގެ ޓީމަކުންނެވެ

މީގެ ކުރިން ގެފުޅުގެ ކިސްވާ (އުރަކޮޅު) ބަދަލު ކުރެވެމުން އައީ ޙައްޖު މޫސުމާ ގުޅުވައިގެން ކޮންމެ އަހަރެއްގެ ވެސް އަރަފާތު ދުވަހު އެވެ.

ނަމަވެސް ސައޫދީ އަރަބިއާއިން ވަނީ މިކަން ބަދަލުކޮށް މި އަހަރު ކިސްވާ ބަދަލު ކުރެވޭނީ މުހައްރަމް މަހުގެ އެއްވަނަ ދުވަހު ކަމަށް ބުނެފަ އެވެ.

ކައުބާގެ ކިސްވާއަކީ އެކަމަށް ޚާއްސަ ކޮށްގެން ހިންގާ ކާރުހާނާއެއްގައި ހެދޭ އުރަ ކޮޅެކެވެ.

ކައުބާގެ އުރަކޮޅު ހެދުމަށް 670 ކިލޯގްރާމްގެ ޚާލިސް ފޮތި ބޭނުން ކުރެވޭއިރު އުރަކޮޅުގައިވަ ގުރުއާނުގެ އާޔަތްތައް ލިޔެވެނީ 120 ކިލޯގްރާމްގެ ޚާލިސް ރަނުގެ ރޮދިންނާއި 100 ކިލޯގްރާމްގެ ޚާލިސް ރިހި ރޮދިންނެވެ.

ބަރުދަނުގައި ގާތްގަނޑަކަށް 850 ކިލޯގްރާމް ހުންނަ ކިސްވާ އުރަކޮޅަކީ ދުނިޔޭގައި ވެސް ތައްޔާރު ކުރެވޭ އެންމެ ބޮޑު އުރަ އެވެ.

އުރަކޮޅު ބަދަލު ކުރެވެމުން ދިޔައިރު ގިނަ އަދަދެއްގެ މުސްލިމުން ދިޔައީ ގެފުޅު ވަށާ ތަވާފް ކުރަމުންނެވެ. -- ސައޫދީ ގެޒެޓް