ހުޅުމާލޭ ދެވަނަ ފިޔަވަހީގައިވާ ހިޔާ ފްލެޓްތަކަށް ކުޑަދޮރުން ފެން ވަންނަ މައްސަލަ ހައްލުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފި އެވެ.

ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ މީގެ ކުރިންވެސް ވިއްސާރަ މޫސުމުގައި ފްލެޓްތަކަށް ކުޑަދޮރުން ފެން ވަދެ، ފެން ބޮޑުވާތީ ޝަކުވާކޮށްފަ އެވެ.

ހަމައެހެންމެ މިދިޔަ އަހަރުގެ ޖުލައި މަހުގައި ފްލެޓްތަކުގައި ދިރިއުޅުމަށް އާންމުންނާ ހަވާލު ކުރިއިރު، އޭރުން ފެށިގެން ވެސް އެ މައްސަލައަށް ހައްލެއް ހޯދުމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން އެޗްޑީސީން ބުނީ، ހިޔާ ފްލެޓްތަކަށް ދިމާވެފައިވާ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ހުކުރު ދުވަސްތައް ފިޔަވައި އެހެނިހެން ދުވަސްތަކުގައި ހެނދުނު 8 އިން ހަވީރު 5:30 އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން އެ މަސައްކަތް ކުރާނެ ގޮތުގެ ތާވަލެއް އެޗްޑީސީން މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެޗްޑީސީން އާންމުކުރި އިއުލާނުގައިވާ ގޮތުން، އެޗް-1 އާއި އެޗް-14 އަދި އެޗް-16 ޓަވަރުގެ އެ މަސައްކަތް ކުރުމަށް ވަނީ ފަށާފަ އެވެ. އެއާއެކު، އެޕާޓްމަންޓުތަކަށް ވަދެ، ކުޑަ ދޮރު ކައިރީގައި މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެކޯޕޮރޭޝަނުން އާންމުންނަށް އެދިފައިވެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ، މި މަސައްކަތް މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.