ދ. ކުޑަހުވަދޫގައި ހާޓް އެޓޭކެއް ޖެހުނު މީހަކު އިމަޖެންސީގައި ގެންދެވޭނެ ގޮތެއް ނެތިގެން، އެ ރަށުގައި އުފެދުނު ހިތްހަމަނުޖެހުމާ ގުޅިގެން ދަތުރުތައް މެދުކަނޑާލައިފައިވާ ކަމަށް މަންޓާ އިން މިއަދު ބުނެފި އެވެ.
އެ އެއާލައިނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސީއީއޯ މުހައްމަދު ހަލީލު ވިދާޅުވީ މަންތާ އެއާ އާއި އެ ރަށުގެ ރައްޔިތުންނާ ދެމެދު ޖެހުނު މައްސަލައާ ގުޅިގެން އެއާޕޯޓު ކުރިމަތީގައި މުޒާހަރާ ކުރުމުން ހަ ގަޑި އިރު ވަންދެން ކުޑަހުވަދޫ އެއާޕޯޓުގައި 12 ޓޫރިސްޓުން ތާށިވި ކަމަށެވެ.
އެ މުޒާހަރާ މިއަދު ވެސް އެ ރަށުގައި ކުރިއަށް އެބަދެ އެވެ. އެ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެ ހަމަނުޖެހުންތަކުގައި ފުލުހުން ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ.
ކުޑަހުވަދޫގައި އެއާޕޯޓް ހިންގަނީ މަންޓާ އެއާ ހިއްސާ ކުންފުންޏަކުންނެވެ. އަދި އެ އެއާޕޯޓަށް ދަތުރު ކުރަނީ ވެސް އެ އެއާލައިނުން އެކަންޏެވެ. އެ ރަށު މީހުން ހިތްހަމަނުޖެހިގެން އުޅެނީ ބަލި މީހުން އެ އެއާލައިންގެ ބޯޓުތަކުގައި ނުއުފުލާ ކަމަށް ބުނެ އެވެ. އެކަމަކު މަންޓާ އިން އެކަން ދޮގުކުރެ އެވެ.
ކުޑަހުވަދޫ އެއާޕޯޓުގެ ކައިރީ، ކަންޒު ކޮނެ، އެއާޕޯޓު ކުރިމަތީގައި އެ ރަށުގެ ރައްޔިތުން މުޒާހަރާއާ ގުޅިގެން ހަލީލު ވިދާޅުވީ، އަށް ގެސްޓުންނާއި ހަތަރު ކުޑަަކުދިން ރޭ 1:30 އިން ފެށިގެން މިއަދު ހެނދުނު 7:30 އާ ހަަމައަށް އެއާޕޯޓުން ނުނިކުމެވި، ތިބެން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
"ހަތަރު ކުޑަކުދިންނާއި އަށް ޓޫރިސްޓުން ރޭ ހަތަރުދަމު އެއާޕޯޓުގައި ތިބީ. ނުހުންނާނެ އެތަނުގައި ނިދޭނެ ގޮތެއް ވެސް. އެތަނުގައި ހުންނަ ލައުންޖު ތެރޭގައި ބައިތިއްބައިގެން ހެނދުނު ގެންދެވުނީ. އެތަނުގައި ކާބޯތަކެތި ދެވެން ވެސް ނުހުންނާނެ. ހުންނާނީ ސްނެކްސް އާއި ޑްރިންސް އެކަނި،" އޭނާ ވިދާޅުވި އެވެ.
ކުޑަހުވަދޫ އެއާޕޯޓުގައި ތާށިވީ މަންޓާގެ ހިއްސާ އޮންނަ ކުންފުންޏަކުން ހިންގާ ކަނޑިންމަ ރިސޯޓުގެ ޓޫރިސްޓުންތަކެކެވެ. ޓޫރިސްޓުންތައް ހެނދުނު ރިސޯޓަށް ގެންދެވުނީ، އެއާޕޯޓުގެ އެއާ ސައިޑުގައި ހަދާފައިވާ ސީ ޕްލޭން ޑޮކަށް ޖެއްސި، ސީ ފްލޭނަކުންނެވެ. ކުޑަހުވަދޫ އެއާޕޯޓަށް ޓޫރިސްޓުން ދިއުމަށް ފަހު، އާންމުކޮށް ޓޫރިސްޓުން ރިސޯޓުތަކަށް ދަތުރު ކުރަނީ ސްޕީޑުބޯޓުގަ އެވެ. އެހެން ނަމަވެސް، އެ ރަށުގެ ރައްޔިތުން އެއާޕޯޓު ދޮރުމަތީ މުޒާހަރާ ކުރާތީ، ޓޫރިސްޓުންނަށް ބަނދަރަކަށް ނުދެވުނެވެ.
"ވަރަށް ނުބައި މެސެޖެއް މި ދެވުނީ. ސަރުކާރުން އެބަ ޖެހޭ މިކަމާމެދު ސީރިއަސްކޮށް ވިސްނަން،" އޭނާ ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ރިއު ހޮޓެލްސްގެ ރައީސް ވެސް އޭނާއަށް ގުޅުއްވި ކަމަށެވެ. އަދި އެ ހޮޓެލް ޗެއިންގެ ޓޫރިސްޓުންނަށް އެއްވެސް ވަރެއްގެ ނުރައްކަލެއް އޮތްތޯ އޮޅުންފިލުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ރިއު ހޮޓެލްސްގެ ރިއު ޕެލެސް މޯލްޑިވްސް ރިސޯޓު އޮންނަނީ ދ. އަތޮޅުގަ އެވެ.
އޭނާ ވިދާޅުވީ، މިފަދަ ކަންކަމުގެ ސަބަބުން ބޭރު ފަރާތްތަކުގެ މެދުގައި ރާއްޖޭގެ އަގު ވެއްޓި ޓޫރިޒަމަށް އަސަރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
ހަލީލު ވިދާޅުވީ، މައްސަލަ ހައްލު ނުވާތީ މަންޓާ އެއާލައިންގެ އެއްވެސް ފްލައިޓެއް މިއަދު އަދި ދަތުރު ނުކުރާ ކަމަށެވެ. މި ވަގުތު އެއާޕޯޓުގެ އޮޕަރޭޝަން ވެސް އޮތީ ހުއްޓިފަ އެވެ. މިކަން ހައްލު ކުރަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީއާ އެކު ވާހަކަދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ، ސްޓްރެޗާގައި ގެންދާ ބަލި މީހުން ކުރިން ވެސް މަންޓާގެ ފްލައިޓްތަކުން ނުއުފުލާ އިރު ރޭ ހިންގި ހަރަކާތްތަކަކީ ސިޔާސީ ގޮތުން ބަޔަކު ރާވައިގެން ހިންގި ކަމެއް ކަމަށެވެ. އަދި ކުޑަހުވަދޫން ބަލި މީހުންގެ މާލެއަށް ގެންދަން ޖެހިއްޖެ ނަމަ، އަބަދުވެސް ދަތުރު ކުރަނީ އާސަންދަ މެދުވެރިކޮށް މޯލްޑިވިއަންގަ އެވެ.
"މިކަން ކޮށްފައި މިވަނީ ސަރުކާރަށް ޖެއްސުމަށް ނޫނީ އަޅުގަނޑުމެންނަށް ޖެއްސުމަށް ކޮންމެވެސް ގޮތަކުން ޕޮލިޓިކަލީ މޯޓިވޭޓް ވެފަ އޮތް އެއްޗެއް ކަންނޭނގެ މިއީ،" އޭނާ ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ، މައްސަލައެއް ޖެހިގެން އުޅޭކަން މަންޓާ އަށް އެނގުނީ ވެސް މުޒާހަރާ ކުރަން ފެށުމުން ކަމަށެވެ. ރައްޔިތުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނީ، މޯލްޑިވިއަންގެ ފްލައިޓްގެ ހަބަރެއް ނުވެ އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިއަދު ހެނދުނު މޯލްޑިވިއަންގެ ބޯޓެއް އެ ރަށަށް ގޮސް ބަލި މީހާ ވަނީ މާލެ ގެންގޮސްފަ އެވެ.
ހަލީލު ވިދާޅުވީ މި ވަގުތު މަންތާގައި ހުރި ފްލައިޓްތަކަށް ސްޓްރެޗާ ނޭރުވޭތީ، އެކަމަށް އެހެން ހައްލެއް ހޯދުމަށް ވެސް މަސައްކަތްކޮށްފައި ވާނެ ކަމަށެވެ. އެގޮތުން، ސީޕްލޭނުގައި ފުރޮޅު ހަރުކޮށްގެން މެޑިކަލް އިވެކުއޭޝަން ފްލައިޓް ބޭއްވުމުގެ ހުއްދައަށް އެދި 2020 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭ ހުށަހަޅާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ބޮޑު އެއާކްރާޕްޓެއް ގެންދަން ދާ ހަރަދަށް ވުރެ މާބޮޑު ތަނުން ވެސް ކުޑަ ވާނެ ސީޕްލޭނެއްގައި ވީލް އަޅުވައިގެން މެޑް ވެކް ފްލައިޓް ބޭއްވީމަ،" ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަލިމީހުންނާއި ބެހޭ ކަންކަމުގައި އެ އެއާލައިނުން މީގެ ކުރިން ވެސް އެއްބާރުލުން ދީފައިވާ ވާނެ ކަމަށެވެ.