ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކަރީނާ ކަޕޫރު ބުނާ އެއް ޖުމްލައިން ދެފަހަރު މަތިން ބޭޒާރުކޮށްލާ ކަމަށް އެކްޓަރު އާމިރު ޚާން ބުނެފި އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝޯއެއް ކަމަށްވާ "ކޮފީ ވިތް ކަރަން"ގެ އެންމެ ފަހުގެ އެޕިސޯޑުގެ މެހެމާނުންގެ ގޮތުގައި އާމިރު ޚާން އާއި ކަރީނާ ކަޕޫރު އައިސްފައިވާއިރު، ކަރަން ވަނީ އެ ދެމީހުންނާ ވެސް ޒާތީ އަދި، ފިލްމީ ދާއިރާއާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

އެފަދަ ސުވާލަކަށް ޖަވާބު ދެމުން ކަރީނާ ވަނީ އާމިރަށް ފާޑުކިޔާފަ އެވެ. އެގޮތުން އާމިރަށް ފިލްމެއްގެ ޝޫޓިން ނިންމޭނީ 200 ދުވަހުން ކަމަށް ބުނެ ކަރީނާ ފާޑުކިޔާފައިވެ އެވެ. އަދި އަކްޝޭއަށް ފިލްމެއް އެންމެ 30 ދުވަހުގެ ތެރޭގައި ނިންމޭ ކަމަށް އޭނާ ބުނެފައިވެ އެވެ.

ހަމައެހެންމެ ކަރީނާ ވަނީ އާމިރަކީ އެއްވެސް ގޮތަކަށް ފެޝަނަށް އުޅޭ މީހެއް ނޫން ކަމަށް ބުނެފަ އެވެ. އޭނާ އާމިރުގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ރޭޓު ކޮށްފައި ވަނީ މައިނަސް ޒީރޯގެ ގޮތުގަ އެވެ.

މިކަމަށް ޖަވާބުދެމުން އާމިރު ވަނީ ކަރީނާއަކީ ވަރަށް ގިނައިން މީހުން ބޭޒާރުކުރާ މީހެއް ކަމަށް ބުނެފަ އެވެ. އެގޮތުން ކަރީނާ ބުނެލާ އެންމެ ޖުމްލައަކުން މީހަކު ދެ ފަހަރަށް ބޭޒާރު ކޮށްލަފާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

ކަރީނާ އާއި އާމިރު އެންމެ ފަހުން އެކީގައި ފެނިފައިވަނީ އެ ދެމީހުންގެ ފިލްމު "ލާލް ސިންގް ޗައްޑާ" އިންނެވެ. މި ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ލިބޭނެ ކަމަށް ޕްރޮޑަކްޝަނުން ލަފާކުރި ނަމަވެސް ގިނަ ބަޔަކު ދަނީ ފިލްމަށް ފާޑުކިޔަމުންނެވެ.