އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާއިރު ކަރަންޓީންވާން ޖެހޭ ޖެހުމަށް ލުޔެއް ލިބެން އުޅޭކަމުގެ އުފާވެރި ޚަބަރުތަކެއް ލިބިއްޖެ އެވެ.

އިންޓަނޭޝަނަލް އެއާ ޓްރާންޕޯޓް އެސޯސިއޭޝަން (އަޔާޓާ) އާ ހަވާލާދީ "ދަ ހިލް" ނޫހުގައި ބުނެފައިވާ ގޮތުގައި ވައިގެ ދަތުރުކުރާ ފަސިންޖަރުންގެ ފަސޭހައަކަށް ޑިޖިޓަލް ޕާސްޕޯޓެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިޕާސްޕޯޓްގައި ހިމެނޭނީ ދަތުރުކުރާ ފަސިންޖަރުގެ މައުލޫމާތުގެ އިތުރުން ދަތުރުވެރިޔާގެ ކޮވިޑް- 19 ގެ ޓެސްޓް ނަތީޖާ އާއި ވެކްސިންގެ މައުލޫމާތެވެ. މި މައުލޫމާތުތަކަކީ އެއާލައިންގެ އިތުރުން ލެބޯޓަރީތަކުން ވެސް ކަށަވަރުކޮށްފައިވާ މައުލޫމާތުތަކަށް ވާން ޖެހޭ ކަމަށް ބުނެފައިވެ އެވެ. އަދި މީގެ އިތުރުން މި ޕާސްޕޯޓްގެ އެހީގައި ދަތުރުވެރިޔާ ފުރާ ތަނަކުން ކޮވިޑް ޓެސްޓް ހެދޭނެ ތަންތަނުގެ މައުލޫމާތު ވެސް ލިބޭނެ ކަމަށްވެ އެވެ. މީގެ ސަބަބުން މިހާރު ދިމާވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެން ދާނެ ކަމަށް ބެލެވެ އެވެ.

އަޔާޓާގެ ސީއީއޯ އާއި ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ކޮވިޑް ޕާސްޕޯޓްގެ ޚިދުމަތް ދެވެން ފެށޭވަރުވާނެ ކަމަށެވެ. މީގެ މަގުސަދަކީ ރައްކާތެރިކަމާއެކު ވައިގެމަގުން ކުރާ ދަތުރުތައް ފުޅާ ކުރުމެވެ. އަދި ހުއްޓިފައި އޮތް ވައިގެ ދަތުރުފަތުރުގެ ނިޒާމް ނަގާ ކޮޅަށް ޖެހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަތުރުކުރާ ފަސިންޖަރުންނަކީ ވެކްސިން ޖަހާފައި ތިބެން ޖެހޭނެ ފަސިންޖަރުންނަށް ވާންޖެހޭނެ ކަމަށް އަދި އެއްވެސް އެއާލައިންކުން ހަމަޖައްސާފައެއް ނުވެ އެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މިފަދަ އިންތިޒާމްތަކެއް ހަމަޖައްސަން މަސައްކަތްކުރަމުންދާ ކަމަށް އޮސްޓްރޭލިއާގެ ކޮންޓަސް އެއާލައިންގެ ސީއީއޯ އެލަން ޖޯއިސް ވިދާޅުވި އެވެ. --ފޮކްސް ނިއުސް