ދ. ކުޑަހުވަދޫގައި ބަލި މީހަކު އެމަޖެންސީކޮށް މާލެ ގެންނަން އުޅުމުން މަންތާ އެއާލައިން ގެނެސްދީފައި ނުވާތީ އެކަމާ ގުޅިގެން އެރަށުގައި ކުރި މުޒާހަރާގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކުޑަހުވަދޫގައި ކުރި މުޒާހަރާ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަނެއް ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރުގެ ދަށުން ހަތަރު މީހުން ހައްޔަރުކުރަން ކުރި މަސައްކަތަށް ހުރަސް އެޅުމުން ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނިގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ 27 އަހަރުގެ ދެ މީހަކާއި 28 އަހަރާއި 31 އަހަރުގެ ދެ މީހެއް އަދި 32 އަހަރުގެ މީހެކެވެ.
ކުޑަހުވަދޫގައި ހަމަނުޖެހުންތައް ފެށުނީ މިދިޔަ ހޯމަ ދުވަހު އެރަށުން ހާޓް އެޓޭކެއް ޖެހުނު މީހަކު އިތުރު ފަރުވާއަށް މާލެ ގެނެވޭނެ ގޮތެއް ނެތުމުންނެވެ. މީގެ ކުރިން ވެސް އެ އެއާލައިނުން ބަލި މީހުން ގޮވައިގެން ދަތުރުކުރުމުގައި ގޮންޖެހުންތައް ދިމާވާތީ މަންތާއާއެކު މަޝްވަރާކޮށްފައިވާ ކަމަށް އެރަށުން ބުނެފައިވެ އެވެ.
މި މުޒާހަރާ އާއި ގުޅިގެން މަންތާ އިން މިހާރު ވަނީ ބަލި މީހުން މާލެ ގެންދެވޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ.