މާބަނޑު ދުވަސްތައް ގުނަމުންދާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރުގެ ދެފައި ދުޅަވެއްޖެ އެވެ.

ސޯނަމް ބަނޑުބޮޑުކަން އޭނާއާ، އޭނާގެ ފިރިމީހާ އާންމުންނާ ހިއްސާކޮށްފައިވާއިރު، އެ ހަބަރަކީ ދުވަސްތަކެއް ވަންދެން އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުހީގައި ހިނގަމުން ދިޔަ ހަބަރުތަކެކެެވެ.

ސޯނަމް ވަނީ އޭނާގެ އިންސްޓަގްރާމުގައި ބަނޑު ބޮޑުކަން ހާމަވާހެން ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ.

ހަމައެގޮތަށް ސޯނަމް ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ދެފައި ދައްކާލާފަ އެވެ. ފޮޓޯއަކުން އޭނާގެ ފައި ފެންނައިރު، ދެފައި ވެސް ވަނީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ.

ސޯނަމް އާންމުކުރި ފޮޓޯގެ ކެޕްޝަންގައި އޭނާ ބަނޑުބޮޑު ދުވަސްވަރު ސިފަކޮށްފައިވަނީ އަންހެނުންގެ ހަށިގަނޑަށް އެފަދަ ބަދަލުތައް އަންނަ ދުވަސްވަރެއް ކަމަށެވެ. އަދި އެފަދަ ބަދަލުތަކަކީ ފެންނަ ފެނުމަށް ރީތި ބަދަލުތަކަކަށް ނުވެދާނެކަން އޭނާ ސިފަކޮށްފައިވެ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސޯނަމް ވަނީ މާބަނޑު ދުވަސްވަރު އޭނާ ކުރަމުން ގެންދާ ތަޖުރިބާއާ ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ.

އޭނާ ބުނާގޮތުގައި ކޮންމެ މީހަކަށް ވެސް މާބަނޑު ދުވަސްވަރަކީ ވަރަށް ހާއްސަވާނެ އުފާވެރި ދުވަސްތަކެކެވެ. ނަމަވެސް އެ ދުވަސްވަރުގައި އަންހެނުން ކުރިމަތިލާ ދަތިތަކާއި ވޭނުގެ ވާހަކަތަކަކީ އެއްވެސް މީހަކު ގިނައިން ދައްކާ ވާހަކަތަކެއް ނޫން ކަމަށް ސޯނަމް ވަނީ ބުނެފަ އެވެ.

ސޫނަމް އޭނާގެ މާބަނޑު ދުވަސްވަރު ސިފަކުރަނީ ވެސް ވަރަށް ވޭންހުރި ދުވަސްތަކެއްގެ ގޮތުގަ އެވެ.

ސޯނަމްއާ އޭނާގެ ފިރިމީހާ އާނަންދު ކައިވެނީގެ ގޮތުން ގުޅުނީ 2018 ވަނަ އަހަރު މެއި މަހުގެ އަށްވަނަ ދުވަހު އެވެ.