ޓައިޕޭ (05 އޮގަސްޓް) - ޗައިނާއާއި ޓައިވާނުގެ މަޝްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ޗައިނާއިން ޓައިވާނުގެ މިސްރާބަށް މިސައިލްތަކެއް ފޮނުވާލައިފި އެވެ.

ޗައިނާއިން މި މިސައިލްތައް ފޮނުވާލާފައި ވަނީ ޓައިވާނުގެ ވައިގެ ސަރަހައްދުގައި އެގައުމުން މިހާރު ކުރިއަށް ގެންދާ އަސްކަރީ ޑްރިލް ތަކުގެ ތެރެއިންނެވެ.

މި މިސައިލްމތައް ފޮނުވިކަން ޗައިނާގެ އަސްކަރިއްޔާއިން ކަށަވަރު ކޮށްދީފައިވާއިރު ޓައިވާނުގެ ޑިފެންސް މިނިސްޓްރީއިން ވަނީ ޗައިނާގެ ޖެޓުތައް ފައްސާލުމަށްޓަކައި އެގައުމުގެ ޖެޓުތަކެއް ވެސް ވަގުތުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެމެރިކާގެ ސްޕީކާ އޮފް ދަ ހައުސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅު ބޮއިކޮޓް ކުރުމުގެ ގޮތުން ޗައިނާއިން ފެށި އަސްކަރީ ޑްރިލްތައް ޓައިވާނާއި އެމެރިކާއިން ވެސް ވަނީ ހަރުކަށި ބަހުން ކުށްވެރި ކޮށްފަ އެވެ.

ޕެލޯސީގެ ދަތުރުފުޅާއެކު ޗައިނާ ރުޅިގަދަ ވެފައިވާއިރު ޓައިވާނުން މިނިވަން ދައުލަތެއް ގާއިމުކުރަން ކުރާ މަސައްކަތުގައި އެމެރިކާގެ ތާއީދު އެގައުމަށް އޮތްކަން އިއުލާނު ކުރުން ވީ ޗައިނާގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރި ކަމަކަށެވެ.

މި ދަތުރުފުޅުގައި ޕެލޯސީގެ ވަރުގަދަ ބަހުގެ ހަމަލާ ތަކެއް ޗައިނާއަށް އަމާޒުވެފައިވާއިރު ޓައިވާނުން މިނިވަންކަން ހޯދަން ކުރާ މަސައްކަތުގައި އެމެރިކާގެ ފުރިހަަމަ އެއްބާރުލުން އެގައުމަށް ލިބޭނެ ކަަމަށް ވެސް ޕެލޯސީ ވިދާޅުވި އެވެ.

ޓައިވާނަކީ އެގައުމުގެ ބިމެއް ކަމަށް ދައުވާކުރާ ޗައިނާއިން ވަނީ ޓައިވާނުން މިނިވަން ދައުލަތެއް އިއުލާން ކޮށްފިނަމަ ހަނގުރާމައެއް ފަށަން ވެސް ފަސް ނުޖެހޭނެ ކަމަށް ބުނެފަ އެވެ. -- އަލް އަރަބިއްޔާ