ޓައިޕޭ (06 އޮގަސްޓް) - ޓައިވާނުގެ މިސައިލް އުފައްދާ ޓީމުގެ އިސް އޮފިޝަލަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ހާމަކޮށްފި އެވެ.
ޓައިވާނުގެ އަސްކަރިއްޔާގެ ދަށުން ހިނގަމުން އަންނަ ނެޝަނަލް ޗުންގް ޝަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އެންޑް ސައިންސަސްގެ ޑެޕިއުޓީ ހެޑް އޫ ޔަންގް ލީ ސިންގް މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު ދެކުނު ޓައިވާނުގެ ހޮޓަލެއްގެ ކޮޓަރިއެއް ތެެރެއިންނެވެ.
އޭނާ އެ ސަރަހައްދަށް ދަތުރުކުރީ ވިޔަފާރި ދަތުރެއްގައި ކަމަށާއި މަރުގެ ހަގީގަތް ހޯދުމަށް އެ ސަރަހައްދުގެ ފުލުހުން ތަހުގީގު ފަށާފައިވާ ކަމަށް މީޑިއާ ތަކުން ބުނެ އެވެ.
އޫ ޔަންގް މަރުވިއިރު އޭނާ ދިޔައީ ޓައިވާނުން ހިންގާ ގިނަ މިސައިލް ޕްރޮގްރާމްތަކެއް ލީޑް ކުރަމުންނެވެ. އެ މަގާމަށް އޭނާ އިސް ކުރެވުނީ މި އަހަރުގެ ކުރީ ކޮޅު އެވެ.
އޫ ޔަންގް މަރުވެފައި އޮއްވާ ފެނިފައި މިވަނީ ޓައިވާނުގެ ވައިގެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރުކޮށް އެ ގައުމުގެ މިސްރާބަށް ޗައިނާއިން އިއްޔެ މިސައިލްތަކެއް ވެސް ފޮނުވާފާލާފައި ވަނިކޮށެވެ.
ޗައިނާގެ ފަރާތުން އޮތް އަސްކަރީ ނުރައްކާ ބޮޑުވެފައިވާތީ އޫ ޔަންގްގެ ޓީމުން އަންނަނީ މިސައިލް އުފެއްދުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. -- އަލް އަރަބިއްޔާ