މާލޭގައި މިރޭ އަނިޔާވެރިގޮތަކަށް ވަޅިން ހަމަލާދީ އަންހެނެއްގެ ކަރުބުރިކޮށް މަރާލަައިފި އެވެ.

މަރާލާފައި އޮތް އަންހެން މީހާ ފެނިފައި ވަނީ ޗީބޯ ގޯޅި ތެރޭގައި ހުރި ގެއަކުންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.

މި ހާދިސާ ހިނގީ ހ. ޝީރީންވިލާގައި ކުއްޔަށް އުޅޭ ދެމަފިރިއެއްގެ ދެމެދުގައި ހިނގި ޒުވާބަކަށް ފަހު ކަމަށްވެ އެވެ. އަދި ފުލުހުން އެތަނަށް ދިޔައިރު ފިރިހެން މީހާ އެތެރޭގައި މަޑުކޮށްގެން ހުރި ކަމަށްވެ އެވެ.

މާލޭގައި މިރޭ އަނިޔާވެރިގޮތަކަށް މަރާލި އަންހެން މީހާގެ ހަށިގަނޑު އައިޖީއެމްއެޗްގެ އެމްބިއުލަންސްގައި ގެންދަނީ. ފޮޓޯ | ހުރިހާ

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، މާލެ ގެއެއްގައި ޒަަމްތަކަކާއެކު އަންހެނަކު މަރާލާފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު ސީން އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް މި ހާދިސާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މާލޭގައި މިރޭ އަނިޔާވެރިގޮތަކަށް އަންހެނަކު މަރާލި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ | ހުރިހާ

ނަމަވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ހުރިހާ"ގެ ނޫސްވެރިއަކު ބުނީ އެ ހާދިސާގައި މަރުވި އަންހެން މީހާގެ ހަށިގަނޑު މީގެ އިރުކޮޅެއް ކުރިން އައިޖީއެމްއެޗްގެ އެމްބިއުލަންސެއްގައި ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ހަމަލާދިން ފިރިހެން މީހާ ވެސް ހެޒްމަޓް ސޫޓު ލައްވައިގެން ފުލުހުންގެ ވެހިކަލެއްގައި ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.