ރޭގެ ވަގުތެއްގައި ހ. ޝީރީން ވިލާގައި އަނިޔާވެރިގޮތަކަށް މީހަކު މަރާލާފައި އޮތްވާ ފެނިފައި ވަނީ ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ގޮސް ބެލުމުންނެވެ. އަނިޔާވެރިގޮތަކަށް ހަށިގަނޑުގެ ގުނަވަންތައް ވަކިކޮށް މަރަލާފައި ވަނީ ފުވައްމުލަކަށް އުފަން އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު (ޝިއާ) ވެ. އޭނާ މަރާލާފައި އޮތްވާ ފެނުނީ ހ. ޝީރީން ވިލާގެ 9 ވަނަ ފަންގިފިލާއިންނެވެ.

ޝިއާގެ މަރާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫ ފިނިފެންމާގޭ، އަލީ ޝާހިލް، 23، އެވެ. އޭނާ ފުލުހުންގެ ކާރަށް އަރުވައިގެން ގެންދިޔަ މަންޒަރު ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

ޝާހިލްއަކީ 23، ވަރަށް ކުރީއްސުރެ، ސްކޭޓް ކުރުމުގައި އުޅޭ ޒުވާނެކެވެ. އޭނާ އަކީ ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކުގައި ވެސް ރާއްޖެ ތަމްސީލްކޮށްފައިވާ މަޝްހޫރު ސްކޭޓާއެކެވެ. ފުވައްމުލަކު ޒުވާނާގެ މަރާ ގުޅިގެން ޝާހިލް ހައްޔަރުކޮށްފައި ވަނީ ޝީރީންވިލާގެ ނުވަ ވަނަ ބުރީގައި ހުއްޓަ އެވެ.

"ހުރިހާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިއާ މަރާލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހ. ޝީރީންވިލާގޭގެ ވެރިފަރާތުންނެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު މުޅި އެޕާޓްމަންޓްގައި އޮތީ ހުސް ލެ އެވެ. އަދި ސޯފާ ކައިރީގައި ޝިއާގެ ހަށިގަނޑު އޮތްއިރު، ފަޔާއި އަތާއި ބޯ އޮތީ ބަދިގެ ތެރޭގައި ކަމަށްވެ އެވެ.

އަންހެން މީހާ ކަރުބުރިކޮށްލި ގޭގެ ގޯޅި ތެރޭގައި ފުލުހުން ހަަރަކާތްތެރި ވަނީ.. ފޮޓޯ: އަވަސް

މިއީ ޝިއާ މަރާލުމަށްފަހު ހެކި ނައްތާލުމަށް ކޮށްފައިވާ ކަމެއް ކަމަށް ޝައްގުކުރެވެ އެވެ. ޝިއާއަށް ހަމަލާދީފައި ވަނީ މަސްކަނޑާ ވަޅިއަކުން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އަދި އެ ވަޅި އެ ސަރަހައްދުން ފުލުހުން ވަނީ ހޯދާފަ އެވެ.

""ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ޝާހިލް ހެޒަމްތު ސޫޓެއްގައި ގެންގޮސްފައި ވަނީ އޭނާގެ މުޅި ގައިގައި ލޭ ހުރުމުން، ކުށުގެ ވެށީގައި އޭނާގެ އަންނައުނުން ހެކި ހޯދަން އުޅެފިނަމަ ހެކި ގެއްލުމުގެ ބިރު އޮތުމުންނެވެ. އަދި، ބަންދުކޮށްގެން ގެންދާއިރު އޭނާ ގަދަ ހަދައިފި ހާލަތެއްގައި ވެސް ހެކި ގެއްލުމުގެ ބިރު އޮތުމުންނެވެ.

އަންހެން މީހާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ ޝާހިލް (ހަޒްމަޓް ސޫޓެއްގައި، ބޯ ނިވާކޮށްފައި) ހައްޔަރުކޮށްގެން ފުލުހުންގެ ކާރަކަށް އަރުވަނީ. ފޮޓޯ: ދައުރު

މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި ޝާހިލް އެވަގުތު ލައިގެން ހުރި އެއްޗެހީގައި އާއި މުޅި ގައިގައި ލޭ ހުރިއިރު، އޭނާ ލައިން ހުރި އެއްޗެހީގައި ޝިއާގެ ބައެއް މަސްކޮޅުތައް ވެސް ހުއްޓެވެ.

އެހެންވެ، ޝާހިލްއާ ވެސް ވާހަކަދެއްކުމަށް ފަހުގައި ފުލުހުން ނިންމާފައިވަނީ ހެޒްމަތު ސޫޓެއްގައި އޭނާ ގެންދިއުމަށެވެ.

ފުލުހުން ދިޔައިރު ވެސް ޝާހިލް ހުރީ ލޭތަކާއެކު އެޕާޓްމަންޓުގެ ތެރޭގައި ކަމަށް މައުލޫމާތު އެނގިހުރި ފަރާތަކުން ބުންޏެވެ. އޭރު ވެސް އޭނާ ވާހަކަތަކެއް ދައްކަމުން ދިޔައިރު، ކިޔާ އެއްޗެހި މުޅިން ހަމަނުޖެހޭ ކަމަށް އެ ފަރާތުން ބުންޏެވެ. އެކަމަކު އޭނާ އެ ވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމެއް ނުވަތަ ނޫން ކަމެއް އަދި ފުލުހުންގެ ފަރާތަކުން ކަށަވަރެއް ނުވެ އެވެ.

މަރުގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިލް. (ފޮޓޯ/ރެޑްބުލް)

މިފަހުން ރާއްޖޭގައި ހިންގި އެންމެ އަނިޔާވެރި މި ގަތުލާ ގުޅިގެން ފުލުހުން ހަމައެކަނި އާންމު ކުރި މައުލޫމާތަކީ އަންހެން މީހާ މަރާލިކަމުގެ ތުހުމަތުގައި ކުށުގެ ވެށިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.

ފުލުހުން މިއަދު ހެނދުނު ވެސް އެ އެޕާޓްމަންޓް ބަލައި ފާސްކުރަމުން ގެންދިޔަ އެވެ.