އަނިޔާވެރި ގޮތަކަށް ރޭ ހ. ޝީރީންވިލާ ގޭގައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޝިއާއުގެ މަރާ ގުޅިގެން ފުލުހުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މޭޖާ ކްރައިމް އިންވެސްޓިގޭޝަންސްގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް ހަސަން ޝިފާއު ވިދާޅުވީ ޝާހިލް ޓެސްޓްކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކަށް އަދި ހުރީ ޝާހިލް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
"މިވަގުތު އަޅުގަނޑުމެންނަށް ބުނެވޭނީ އޭނާ ހުރީ މަސްތުވެގެންނޭ. ނަމަވެސް އެއީ ކޮން ބާވަތެއް ކަމެއް އަދި ނޭނގެ،" ޝިފާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަހުގީގު މިހާރު ކުރިއަށްދާއިރު އެކިކަހަލަ މައުލޫމާތުތައް ލިބިފައިވާ ކަމަށެވެ. އެގޮތުން ދެމީހުންގެ މެދުގައި ހަމަނުޖެހުން ހިންގުމާއި ގެވެށި އަނިޔާގެ މައްސަލަތަކެއް ހުރި ނަމަވެސް އެކަންކަން އަދި ޔަގީން ނުވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި މިހާތަނަށް ބެލި ބެލުމުން ޝާހިލްގެ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
މި މައްސަލަ އާއި ގުޅިގެން މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ވަނީ ނިންމާފަ އެވެ.
ރޭގެ ހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެގެޔަށް ދިޔައިރު ވެސް ޝިއާ ވަނީ މަރުވެފަ އެވެ.
ފުލުހުން ބުނީ ޝިއާ މަރާލާފައި ވަނީ "ވަރަށް އިހާނެތި ގޮތަކަށް" ކަމަށެވެ. އަދި މި ހާދިސާގައި ޝިއާ މަރާލުމަށް ބޭނުންކުރި ހަތިޔާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އެއީ ކޮން ކަހަލަ ހަތިޔާރެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު މިހާރު ކުރިޔަށް ދާއިރު ކްރައިމް ސީންގައި މިހާރުވެސް ތަހުލީލުތައް ކުރިޔަށްދާ ކަމަށާއި، އެހެންކަމުން މިކަމާއި ގުޅޭ ތަފްސީލީ މަޢުލޫމާތު އަދި ހާމަ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.