ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން މިދިޔަ ޖޫން މަހު ބެލުންތެރިންނާ ހަމައަށް ގެނެސްދިން "ޖުގް ޖުގް ޖިއޯ"ގެ ކާމިޔާބީއަށް ފަހު އެފިލްމުގެ ދެ ވަނަ ބައެއް ހަދައިފާނެކަމުގެ އިޝާރާތެއް ދީފި އެވެ.
އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަރަން ޖޯހަރްގެ ރޮމޭންޓިކް ކޮމެޑީ "ޖުގް ޖުގް ޖިއޯ"ގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ވަނީ ޕާޓީއެއް ބާއްވާފަ އެވެ. މިޕާޓީއަށް ފަހު މިފިލްމުގެ ލީޑް ރޯލުން ފެނިގެންދިޔަ ދެ ތަރިން ކަމަށްވާ ވަރުން ދަވަނާއި ކިއާރާ އަދުވާނީ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓްތަކެއްގައި ފިލްމުގެ ހެދުމުގެ ސުވާލެއް ވަނީ ކޮށްފަ އެވެ. ނަމަވެސް "ޖުގް ޖުގް ޖިއޯ" ގެ ދެވަނަ ބައެއް ހެދުމާ ބެހޭ ގޮތުން ދަރުމާއިން ވަކި އެއްޗެއް ހާމަކޮށްފައިނުވެ އެވެ.
މިފިލްމުގައި ވަރުން އާއި ކިއާރާގެ އިތުރުން ފިލްމުގެ ކާސްޓްގައި އަނިލް ކަޕޫރާއި ނީޓޫ ސިންގް އާއި މަނީޝް ޕޯލްގެ އިތުރުން ޕްރަޖަކްތާ ކޯލީ ވެސް ހިމެނެ އެވެ. "ޖުގް ޖުގް ޖިއޯ" އަކީ މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެވެ.
މި ފިލްމުގެ ޑައިރެކްޓަރު ރާޖް މިހާރު އަންނަނީ އަކްޝޭ ކުމާރާއި އިމްރާން ހާޝިމީ އާއި ޑަޔާނާ ޕެންޓީގެ އިތުރުން ނުޝްރަތު ބަރޫޗާއާ އެކީ "ސެލްފީ" ކިޔާ ފިލްމެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ. އަންނަ އަހަރުގެ ފެބްރުއަރީ 24 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް އެ ފިލްމަކީ 2019 ގެ މަލަޔާޅަމް ކޮމެޑީ-ޑްރާމާ "ޑްރައިވިން ލައިސަންސް" އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ.