ބެއިޖިންގް (10 އޮގަސްޓް) - މަޝްރަހު ހޫނުވެފައިވާ ޗައިނާއާއި ޓައިވާނުގެ ދެމެދުގައި ހަނގުރާމައެއް ފެށުމުގެ ފުރުސަތު ބޮޑު ކުރަނީ ޓައިވާނުގެ ވެރިކަންކުރާ ޕާޓީއިން ކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާގެ އޮފީސް ފޯ ޓައިވާން އެފެއާޒްއިން ބުނީ ސުލްހަވެރި އެއްބަސްވުމަކަށް ހުރަސް އަޅަނީ ޓައިވާނުގެ ރައީސް ސައި އިންގް ވެން އިސްކޮށް ހުންނަވައި ހިންގާ އެގައުމުގެ ވެރިކަންކުރާ ޕާޓީއިން ކަމަށެވެ.

"ނުތަނަވަސްކަން ހައްލު ކުރުމަށްޓަކައި ޓައިވާނުގެ ރައީސް އެކަމަނާގެ ސިޔާސަތުތައް ބަދަލު ކުރައްވަން ޖެހޭ" އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޓައިވާނުގެ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީއިން މިނިވަންކަން ހޯދަން ކުރާ މަސައްކަތްތަކުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެ ހަނގުރާމައެއްގެ ބިރު އުފެދިފައިވާ ކަމަށެވެ.

"މި ގޮތަށް ޓައިވާނުގެ އަމަލުތައް ހުންނަ ނަމަ ސުލްހަވެރި އެއްބަސްވުމަކަށް އައުން އޮތީ ވަރަށް ދުރުގައި" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓައިވާން އެފެއާޒް އޮފީހުން މި ބަޔާން ނެރިފައި މިވަނީ ޗައިނާއިން ޓައިވާނުގެ ވަޔާއި ކަނޑުގެ ސަރަހައްދުގައި ގިނަ އަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.

މިދިޔަ ހަފްތާގައި ޓައިވާނަށް ވަޑައިގެންނެވި އެމެރިކާގެ ސްޕީކާ އޮފް ހައުސް ނޭންސީ ޕެލޯސީގެ ދަތުރުފުޅާއެކު ޗައިނާއިން ވަނީ ޓައިވާނުގެ ސަރަހައްދުގައި އެގައުމުގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރު ކޮށްފަ އެވެ. -- އަލް އަރަބިއްޔާ