(ބެއިޖިން، 3 ޑިސެމްބަރު) - ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް ދެ ގަޑިއިރު ތެރޭގައި ދަތުރުކުރެވޭނެ ގާބިލްކަން ހުރި ހައިޕަސޮނިކް ޖެޓް އިންޖީނެއް ޗައިނާއިން ކާމިޔާބުކަމާއެކު ޓެސްޓްކޮށްފި އެވެ.

ހަބަރުތައް ބުނާގޮތުން އެ އިންޖީނަކީ އަޑަށްވުރެ 16 ގުނަ ބާރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ އިންޖީނެކެވެ. އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ ރިސާޗަރުން ބުނިގޮތުގައި ބެއިޖިންގެ ޖީއެފް 12 ޝޮކް ޓަނަލްގައި ކުރިއަށް ގެންދިޔަ ޓެސްޓްތައް ކާމިޔާބުކަމާއި އަދި ކުރިއަށް ގެންދިޔަ ހުރިހާ ޓެސްޓަކުން ވެސް އެއްވެސް ކަހަލަ މައްސަލައެއް ދިމާނުވެ ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވެ އެވެ.

ރިސާޗަރުން އިތުރަށް ފާޙަގަކުރި ގޮތުގައި މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި ކުރިއަށްހުރި ޓެސްޓްތަށް ކާމިޔާބުވެއްޖެނަމަ މިއިންޖީނަކީ ކޮމާޝަލް ފްލައިޓްތަކުގައި އަދި އަސްކަރީ އުޅަނދުތަކުގައި ބޭނުންކޮށް ވައިގެ ދތުރުފަތުރަށް އިންގިލާބު ގެނުވާނެ އިންޖީނަކަށް ވާނެ އެވެ.

ނަމަވެސް، ކަމާބެހޭ މާހިރުން ބުނީ މިއީ އަދި ވަރަށް ކުރިކަމަށާއި އިތުރަށް ވަރަށް ގިނަ ޓެސްޓްހުރި ކަމަށެވެ. އެހެންކަމުން ކޮމާޝަލް ފްލައިޓްތަކުގައި މި އިންޖީން ބޭނުންކުރުމަށް އަދި އަހަރުތަކެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ. --ޑެއިލީ މެއިލް