ރާއްޖޭގެ އެންމެ އުންމީދީ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކުރާ ބައިސްކޯފު އޮރިޖިނަލްސް "ނެތީމޭ" ޓްރެއިލާ ދައްކާލައިފި އެވެ.

އަބަދުވެސް ތަފާތު ސްޓައިލެއްގެ އުފެއްދުންތަކެއް ގެނެސްދެމުން އަންނަ މޫމީން ފުއާދު މިފަހަރު ގެނެސްދެނީ އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުވާލާ ތައްޔާރުކުރާ ވެބް ސީރީޒްއެކެވެ.

"ނެތީމޭ" ގައި ފެނިގެންދާ ތަރިން ތެރޭގައި ރާއްޖޭގެ މަޝްހޫރު ފަންނާނު ފެނިގެންދެ އެވެ. އެގޮތުން ވާޝިޔާ މުހައްމަދު (ޝިޔާ)، އަހުމަދު ޝާރިފް، އިސްމާއީލް ރަޝީދު ކޮޕީ (އިއްސެ)، އަހުމަދު އާސިމް، މަރިޔަމް ޝަކީލާ އަދި ނަތާޝާ ޖަލީލު ހިމެނެ އެވެ.

ފަސް އެޕިސޯޑްގެ މައްޗަށް އެކުލެވޭ މިސީރީޒް ބައިސްކޯފުން ދައްކާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

https://www.youtube.com/watch?v=h4q_vTFY2-U

"ނޭތީމޭ" ވެބް ސީރީޒްގެ ފުރަތަމަ ސީޒަންގެ މަސައްކަތްތައް ނިންމާލާފައިވާއިރު، މި ސީރީޒް ޝޫޓްކޮށްފައިވަނީ މާލޭގަ އެވެ. މި ސީރީޒްގެ ދެ ވަނަ ބަޔަކަށް މިހާރު މޫމިން ފުއާދު އަންނަނީ ތައްޔާރުވަމުންނެވެ.

މީގެ ކުރިން ވެސް ބައިސްކޯފުން ވަނީ މޫމިން ފުއާދު ޑައިރެކްޓްކޮށްފައިވާ ވެބް ސީރީޒެއް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި "ގަމިނި" އާއި "ފީހާލި" ގެ ނަމުގައި ވަރަށް ތަފާތު ކުރު ފިލްމެއް ގެނެސްދީފައިވެ އެވެ.

އަބަދު ވެސް ތަފާތު އަދި މޮޅެތި އުފެއްދުންތަކެއް ގެނެސްދެމުން އަންނަ މޫމިން އަކީ ކާމިޔާބު ފީޗާ ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި "ލޫދިފާ"، "ހެޕީ ބާތުޑޭ' އަދި "ނިވައިރޯޅި" ހިމެނެ އެވެ.