އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އަކުން އެއްވެސް ޕާޓީއަކާއެކު ކޯލިޝަނެއް ނުހަދާނެ ކަމަށް އެޕާޓީގެ ރައީސް އަހްމަދު ސިޔާމް ވިދާޅުވެއްޖެ އެވެ.

އެމްޑީއޭގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެޕާޓީ ކާމިޔާބު ކުރާނީ އެއްވެސް ޕާޓީއަކާއެކު ކޮލިޝަން ނުހަދާ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރުމުގެ ގާބިލުކަން އެޕާޓީގައި ހުރި ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން ސިޔާމް ވިދާޅުވީ އެޕާޓީއަކީ ދިވެހިން ރައްޔިތުންނަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ޕާޓީއެއް ކަމަށާއި އެކަން ރައްޔިތުން ދަންނާނެ ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ސިޔާމް ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތީ އެންމެ ރަގަޅު ނިޒާމު ކަމަށެވެ. އަދި އެންމެ ހަމަހަމަ ކަމާއެކު ވެރިކަންވެސް ކުރެވޭނީ ރިޔާސީ ނިޒާމްގައި ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެމްޑީއޭގައި މި އަހަރު ނިމުމުގެ ކުރިން 50،000 މެންބަރުން ތިބުމަކީ އެޕާޓީގެ އަމާޒެކެވެ. އަދިއެކަން ހާސިލުވެގެންދާނެ ކަމަށްވެސް ސިޔާމް ވިދާޅުވި އެވެ.

އެމްޑީއޭ އިން މިއަދު ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރުގެ ނަން ރައީސަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ. އަދި އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ޕާޓީގެ ގައުމީ މަޖިލީހުން ހުށަހެޅި ހުރިހާ އިސްލާހެއް ކޮންގްރެސްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.

އެމްޑީއޭގެ ފަރާތުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ކޮން ކެންޑިޑޭޓެއް ކަމެއް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ސިޔާމް ގެންދަވަނީ އޭނާއަކީ ކެންޑިޑޭޓް ކަމަށް ނިންމަވައި ކެމްޕެއިން ކުރައްވަމުންނެވެ.