އިންޑިއާގެ ފިލްމުތަކަށް ދޭ އެންމެ ޝަރަފުވެރި އަދި އެންމެ ގިނަ ދުވަސްވީ އެއް އެވޯޑް ކަމަށްވާ ފިލްމު ފެއާ އެވޯޑް ހަފުލާ މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

67 ވަނަ ފިލްމު ފެއާ އެވޯޑްސް ހަފްލާ ބޭއްވުމަށް ނިންމާފައިވަނީ މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގަ އެވެ.

މި އެވޯޑް ހަފުލާ މި މަހުގެ 30 ގައި ބޭއްވުމަށް ފަހު، މީގެ ރެކޯޑިން އަންނަ މަހުގެ 9 ގައި ކަލާޒް ޗެނެލުން ގެނެސްދޭނެ އެވެ.

އެވޯޑް ހަފުލާ ބާއްވާ ތާރީހު އިއުލާންކުރި އިރު، ނޮމިނޭޝަންތައް އަދި އިއުލާނެއް ނުކުރެ އެވެ.

ވަރަށް ގިނަ ތަރިންތަކެއް ފޯރިގަދަ ސްޓޭޖް ހުށަހެޅުންތަކެއް ވެސް ފެނިގެން ދާނެ މިހަފްލާ މިއަހަރު ހޯސްޓްކުރީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް އާއި އަރުޖުން ކަޕޫރެވެ.

އިންޑިއާގެ އޮސްކާގެ ގޮތުގައި ސިފަކުރާ ފިލްމުފެއާ އެވޯޑަކީ ހަމައެކަނި ހިންދީ ފިލްމުތަކަށް ދޭ އެވޯޑެއް ނޫނެވެ. ފިލްމުފެއާ އެވޯޑްސް ސައުތުގެ ނަމުގައި ވެސް އިންޑިއާގެ އެކި ބަހުރުވަތަކުން ހަދާ ފިލްމުތަކަށް ވަކި ހަފުލާއެއްގައި އެވޯޑްތައް ދެ އެވެ.

ފިލްމުފެއާ ވުޖޫދަށް އައީ 1954 ގަ އެވެ.