ބޮލީވުޑްގައި ކުރިއަށް އަރަމުން އަންނަ ބަތަލާ ސާރާ އަލީ ހާނަށް ދަރުމާ ޕްރޮޑަކްޝަންގެ ދެ ފިލްމަކުން ފެނިދާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރުގެ ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފި އެވެ.
ކަރަން ބުނެފައި ވަނީ އޭނާ އުފައްދާ ދެ ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ސާރާ އަށް ދީފައިވާ ކަމަށެވެ. އަދި އެފިލްމުތަކުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވެސް ކަރަން ބުންޏެވެ.
އެގޮތުން އޭގެ ތެރެއިން އެއް ފިލްމެއް ޑައިރެކްޓް ކުރަނީ އެމަޒޯން އާއި ގުޅިގެންނެވެ. އެ ފިލްމަކީ އިންޑިއާ އަށް މިނިވަންކަން ހޯދުމުގެ ތެރޭގައި ތައާރަފުވި 1942 ގެ "ކްއިޓް އިންޑިއާ މޫވްމަންޓް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
ސާރާ އާ އެކުގައި މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށް ވެސް ކަރަން ޖޯހަރު ބުނެފައިވެ އެވެ. މިއީ ސާރާ ކަރަން ޖޯހަރާއި އެކުގައި މަސައްކަތް ކުރާނެ ފުރަތަމަ ފަހަރެވެ.
ދެހާސް އަށާރައިގެ "ކޭދަރުނާތު" އިން ބޮލީވުޑަށް ނުކުތް ސާރާ، 27، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ގެނެސްދިން "އަތުރަންގީ ރޭ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގޭސްލައިޓް" އާއި ވިކީ ކޯޝަލާ އެކީ ކުޅެފައިވާ އަދި ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.