އެކްޓަރު ޝަމީތާ ޝެޓީ އޭނާގެ ލޯބިވެރިޔާ ރާގޭޝް ބާޕަޓްއާ ލޯބީގެ ގޮތުން އޮތް ގުޅުން ކަނޑާލިކަން ހާމަކުރީ މީގެ ދުވަސްތަކެއް ކުރިންނެވެ.

ޝަމީތާ ބުނިގޮތުގައި ރާގޭޝް އާއި އޭނާގެ މެދުގައި ގުޅުން ކެނޑިފައިވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި އެދެމީހުންގެ ގުޅުން މެދުކެނޑުމާއި އެކު ދެތަރިންގެ ފޭނުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހަމައެހެންމެ ދެތަރިން ވެސް އަލުން ގުޅުމަށް އެދޭކަމަށް ފޭނުން ބުނެފައިވެ އެވެ.

އެ ދެމީހުން އެންމެ ފުރަތަމަ ދިމާވީ އިންޑިއާގެ މަޝްހޫރު ޝޯއެއް ކަމަށްވާ "ބިގް ބޮސް" ގެ މިދިޔަ އަހަރުގެ ސީޒަން އިންނެވެ. އަދި އެއަށްފަހު އެދެމީހުންގެ މެދުގައި ގާތް ގުޅުމެއް އުފެދި، އެގުޅުން ލޯތްބަށް ބަދަލުކުރި އެވެ.

ދެ މީހުންގެ ލޯބި ޝޯއިން ފެށިގެން ގޮސް، އެކީގައި ކުޅެފައިވާ މިއުޒިކް ވީޑިއޯތަކުންވެސް އާންމުންނަށް ފެނިގެންދިޔަ އެވެ. ނަމަވެސް އެ ގުޅުން މާގިނަ ދުވަސްތަކެއްގައި ދެމިގެންނެއް ނުދެ އެވެ.

ނަމަވެސް އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝަމީތާ ވަނީ، ވަކިވުމަށްފަހުގައި ވެސް އެދެމީހުންގެ ގުޅުން ގޯސް ނުވާކަމަށް ބުނެފަ އެވެ. އަދި ރަހުމަތްތެރިންގެ ގޮތުގައި ދެމި ތިބެން ބޭނުންވާކަމަށް ޝަމީތާ ބުނެފައިވެ އެވެ.

ހަމައެހެންމެ އެދެތަރިންނަކީ ކުޑަކުދިން ނޫން ކަމަށާއި، ލޯބީގެ ގުޅުން ކެނޑުނު ކަމުގައިވީނަމަވެސް، މައްސަލަ ހައްލުކޮށް، އެކަކު އަނެކަކަށް ހަސަދަވެރި ނުވެ ކުރިއަށްދާން ދެތަރިންނަށް ވެސް އެނގޭ ކަމަށް އޭނާ ބުނެފައިވެ އެވެ.