މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު އިތުރުވެ، އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 31 ޕަސެންޓް އިތުރުވެއްޖެ އެވެ.
ކަސްޓަމްސްއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖުލައިމަހު ދައުލަތަށް އިމްޕޯޓާއި އެކްސްޕޯޓުން 241 މިލިއަން ރުފިޔާ ޑިއުޓީގެ ގޮތުގައި ލިބިފައިވެ އެވެ. އަދި މިދިޔަ މަހު އެ އަދަދު ވަނީ 316 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ރާއްޖެއަށް މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. މި އަދަދު މިއަހަރު ޖުލައިމަހު ވަނީ 4.3 ބިލިއަނަށް އިތުރުވެފަ އެވެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ, ސިންގަޕޫރުންނެވެ. އެގޮތުން އޮމާން އިން 797 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 698 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. އޮމާންއިން އެެތެރެކޮށްފައި ވަނީ ތެލުގެ ބާވަތްތަކެވެ.
މީގެ އިތުރުން ޔޫއޭއީ އިން 550 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. އަދި ޗައިނާ އިން 493 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު ސިންގަޕޯ އިން 343 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފަ އެވެ.
އިމްޕޯޓު އިތުރުވި ނަމަވެސް ޖުލައިމަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރުވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައިމަހު ރާއްޖެއިން 78 މިލއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވެއެވެ. މިއީ މިދިޔައަހަރުގެ ޖުލައިމަހު ރާއްޖެއިން އެކްސްޕޯޓުކުރި އަދަދު ކަމުގައިވާ 162 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، 52 ޕަސެންޓް ދަށް އަދަދެކެވެ.
މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، މޮރިޝަސް، ބަންގްލަދޭޝް އަދި އިންޑިއާއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 27 ޕަސެންޓް އެކްސްޕޯޓުކޮށްފައިވަނީ ޖަރުމަނަށެވެ. އަދި 23 ޕަސެންޓް މުދާ އިނގިރޭސިވިލާތަށް އެކްސްޕޯޓުކޮށްފައިވާއިރު، ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 16 ޕަސެންޓްގެ އެކްސްޕޯޓުކޮށްފައިވަނީ މޮރިޝަސްއަށެވެ.
ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް މުދާ ހިފައިގެން 93 އުޅަނދެއް އައިސްފައިވެއެވެ. އަދި 99 އުޅަނދެއް ފުރާފައިވެ އެވެ.