ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހާއްސަ މަސައްކަތްތަކެއް ފައްޓަވާފައިވާ މި ދަނޑިވަޅުގައި އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އެ ނިޒާމު ގެނެސްފިނަމަ ސިޔާސީ ހަމަޖެހުން ގެއްލި އަވަސް އަވަހަށް ސަރުކާރު ބަދަލުވާނެ ކަމަށެވެ.

އެ ނިޒާމު ރާއްޖެ ގެނެސްފިނަމަ ރައްޔިތުން ބައިބައިވެ ހާލުގައި ޖެހުން ފިޔަވައި އިތުރު މޮޅެއް ނުވާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހުށަހަޅުއްވާފަ އެވެ. އަދި އެމަނިކުފާނު މިރޭ ވަނީ އެކަމަށް ކެމްޕެއިން ކުރުމަށް ހާއްސަ ބައްދަލުވުމެއް އެމްޑީޕީގެ ހަރުގޭގައި ވެސް ބާއްވާފަ އެވެ.

އެމަނިކުފާނު އިސްވެ ހުންނަވައި މީގެކުރިން ވަނީ ބަރުލަމާނީ ނިޒާމް ގެނައުމަށް ގޮވާލާ ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފަ އެވެ.