ނުކުޅެދުންތެރިކަން ހުންނަ ދިވެހިންނަށް ހާއްސަކޮށް، ޖަޕާން ސަރުކާރުން ތިން އުޅަނދެއް ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި މި އުޅަނދުތައް ހަވާލުކޮށްދެއްވީ، ރާއްޖޭގައި ހުންނަވާ ޖަޕާން ސަފީރު މިޑޯރީ ޓަކެއޫޗީ އެވެ. އަދި ރާއްޖޭގެ ފަރާތުން އެ އުޅަނދުތަކާއި ހަވާލުވެލެއްވީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީޒް (އެމްއޭޕީޑީ) އެވެ.

މި އުޅަނދުތަކަކީ، ނުކުޅެދުންތައް ހުންނަ މީހުން ދުއްވާ ފުރޮޅުލީ ގޮނޑި ފަސޭހަކަމާ އެކު އުޅަނދަށް އަރުވައި ބޭލޭގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ.

ޖަޕާނުން ހަދިޔާކުރި މި އުޅަނދުތައް ހާވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ރާއްޖޭގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފް ވަނީ، ޖަޕާން ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ހަދިޔާ ކުރި ތިން އުޅަނދުގެ ސަބަބުން އެމީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަން ފާހަގަކުރައްވާފަ އެވެ. ހަމައެހެންމެ ޖަޕާނަީ އެކި ރޮނގުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ކައުމެއް ކަންވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ.