ދުންޔަވީ މަންފާތަކެއް ހާސިލުކުރަން ބޭނުންކުރާ ވަސީލަތަކަށް ރުގުޔާ ކުރުން ހަދާފައިވާ ކަމަށާއި، ރުގުޔާގެ ނަމުގައި މީސްތަކުންނަށް ކެހިދީ، މަކަރު ހަދައި އޮޅުވާލަން ފަށާފައިވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ރުގުޔާކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އަނިޔާކުރުމުގެ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، ރުގުޔާކުރުމުގެ ޝަރުއީ ހަމަތަކާ ގުޅޭގޮތުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވަނީ، ﷲ އިންސާނުންނަށް ކުރިމަތިކުރައްވާ އެކި ބާވަތުގެ ބަލިތަކާއި ނަފްސާނީ އުނދަގޫތަކަކީ، އަޅުތަކުން އިމްތިހާނު ކުރެއްވުމަށް ކުރިމަތިކުރައްވާ ކަންކަން ކަމަށެވެ. އަދި އޭގެ ހިކުމަތަކީ އިހްލާސްތެރި ތެދުވެރި އަޅުންނާއި، ދޮގުވެރި މުނާފިގުންނަކީ ކޮބައިކަން ދެއްކުން ކަމަށް ވެސް ޚުތުބާގައި ވެ އެވެ. އަދި ބަލިތަކުގެ ފަރުވާއަކީ ހުއްދަ ކުރައްވާފައިވާ ކަމެއް ކަމަށާއި، ބަލިތަކުގެ ފަރުވާ ކުރުމުގައި ހިފަން ހުރި ގޮތްތަކުގެ ތެރޭގައި ރުގުޔާ ކުރުންވެސް ހިމެނޭ ކަމަށް ޚުތުބާގައި ވެ އެވެ.

"ރުގުޔާ ކުރުމަކީ ބަލި މީހާއަށް ފަރުވާކުރުމުގެ ގޮތުން، ކީރިތި ގުރުއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ސުންނަތުގައި ވާރިދުވެގެންވާ ދުއާތަކުގައި ޒަރިއްޔާއިން ބައްޔަށް ޝިފާދެއްވުން އެއި ﷲގެ ހަޒްރަތުގައި ދުއާ ދެންނެވުމެވެ،" އެ ޚުތުބާގައި ވެ އެވެ.

ޚުތުބާގައި ވަނީ، ސިހުރު ހާހޫރަ އާއި، ހަސަދަ އާއި، އެސްފީނާގެ ޝިކާރައަކަށްވެފައިވާ އެތައް ބަޔަކަށް ޝަރުއީ ރުގުޔާއަކީ އެންމެ އެކަށީގެންވާ ފަރުވާކަމާއި މެދު ޝައްކެއް ނެތް ކަމަށާއި، ރޫހާނީ ގޮތުން ކުރިމަތިވާ ކަންކަމަށް ރުގުޔާއިން ފަރުވާ ހޯދިދާނެ ކަމަށެވެ. އަދި ރުގުޔާ ކުރުމަކީ ދީނުގައި ކަނޑައަޅުއްވާފައިވާ އަދަބުތަކާއި ޝަރުތުތަކާތުތަކާ އެކު ހުއްދަކަމެއް ކަމުގައި ވީނަމަވެސް ގިނަ ފަހަރަށް މުޖުތަމައު ގައި ކަންހިނގަނީ މި މަގުން ތޯ ސުވާލު އުފެދިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"ރުގުޔާ ކުރުމަކީ އެކަމުގެ އިލްމު ލިބިގެން ހުރި މީހަކު އިންސާނިއްޔަތަށްޓަކައި، ކުރުން ހުއްދަ ކަމެކެވެ. ޝަރުއީ ހަމަތަކުގެ މަތިން، ހުއްދަ ނޫން އެއްވެސް ކަމެއް ނުހިމެނޭ އެހެންކަމުން މީސްތަކުންނަށް ރުގުޔާކުރާ މީހަކީ އަމާނާތްތެރި މީހަކަށް ވާންޖެހޭނެ އެވެ. ނަމަވެސް ކަމުގެ ސައްހަ މައުލޫމާތާއި ޝަރުއީ ހަމަތަކަށް ބީރައްޓެހި ބަޔަކު، ދުންޔަވީ މަންފާތަކެއް ހާސިލުކުރަން ބޭނުންކުރާ ވަސީލަތަކަށް މިއަދު މިކަން ހަދައިފި އެވެ. ރުގުޔާ ގެ ނަމުގައި މީސްތަކުންނަށް ކެހިދީ، މަކަރު ހަދައި އޮޅުވާލަން ފަށައިފި އެވެ". ޚުތުބާގައި ވެ އެވެ.

ޚުތުބާގައި ވަނީ، ރުގުޔާކުރުމުގެ ނަމުގައި ބަލިމީހާއަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮންގެން ނުވާނެ ކަމަށާއި، ރުގުޔާ ކުރުމުގައި ޝަރުއީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށެވެ. އަދި ފަހަކަށް އައިސް ހަށިގަނޑުން ޖިންނި ނެރުމާއި، ސިހުރު ބާތިލުކުރުމުގެ ބަހަނާގެ ނަމުގައި މަހުރަކަމާއި ނުލައި އެކަހެރިކޮށް އަންހެނުންނާއި ބައްދަލުކޮށް، އެކަނބަލުންނަށް ޖިންސީ ގޯނާ ކުރުމުގެ ޝަކުވާތައް އަޑުއިވެމުންދާ ކަމަށް ޚުތުބާގައި ވެ އެވެ.

ޙުތުބާގައި އިތުރަށް ބުނެފައި ވަނީ، ޝަރުއީ ރުގްޔާކުރުމުގެ ނަމުގައި ޖިންނީންނާއި، ވަލީވެރިންގެ ކިބައިން ކަންކަން ހިންމަވައިދެއްވާތޯ ދެންނެވުމަކީ ރުގްޔާގެ ތެރޭގައި ހިމެނޭ ކަންކަން ނޫން ކަމަށެވެ.

"މިގޮތުން، ބަލިމީހާ އާއި، ބަލިމީހާގެ މަންމަގެ ނަން އޮޅުންފިލުވުމާއި، ބަލިމީހާގެ ފުނާ ނުވަތަ އިސްތަށްޓެއް ނުވަތަ އަންނައުނު ފަދަ ތަކެތި ހޯދުމަކީ ވެސް ރުގްޔާކުރުމުގައި ހިމެނޭ ކަންކަމެއް ނޫނެވެ. އެއީ ސިހުރު ހާހޫރަ ހަދާ މީހުން ކުރާ ކަންކަމެވެ. މީގެ އިތުރުން ފާލުބެލުމާއި، އިރުވަރު ބެލުމާއި، އަކަ ކުރެހުމާއި، ކީރިތި ގުރުއާނުގެ އާޔަތްތަކާއި، އިސްމުފުޅުތަކާއި ސިފަފުޅުތައް ނުބައިކޮށް ލިޔުމާއި، ބަލިމީހާގެ ހަށިގަނޑު ތެރެއަށް ޖިންނި ޝައިތާނުން ވައްދައި އެ ޝައިތާނުންގެ ކިބައިން ކަންކަން އޮޅުން ފިލުވުމާއި، ﷲގެ އިސްމުފުޅު ނަންގަތުމެއް ނެތި ޖަނަވާރާއި ދޫނި ފަދަ ތަކެތި ކަތިލަން ބުނުމަކީ ޝަރްއީ ރުގްޔާއާ އެއްވެސް ގުޅުމެއްހުރި ކަންކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ! އެގޮތަށް އެކަން އާޔަތްތަކާއި، ﷲ ގެ ކުރުމަކީ ހަރާމް ކަމެކެވެ.". އެ ޚުތުބާގައި ވެ އެވެ.

ޚުތުބާގައި މުޅި މުޖުތަމައުގެ ސަލާމަތާއިރައްކާތެރިކަމަށްޓަކައި ހޭލުންތެރިވާން ޖެހޭ ކަމަށާއި، ދުންޔަވީ ކަންކަމުގައި ކުރިއަރައި ދިޔުމަށްޓަކައި ދުންޔަވީ ޢިލްމާއި މަޢުރިފާ ކުރިއަރުވާ ފަދައިން އާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައި ދީން ވެސް މައުރިފާކޮށް އުނގެނެން ޖެހޭ ކަމަށް ބުނެފައިވެ އެވެ. އަދި ސިޙުރުވެރިންގެ ނުބައިކަމާއި ސުންޕާކަމުން ރައްކާތެރިވެވޭނެ މަގު ދީނުގައި ވަރަށް ސާފުކޮށް ބަޔާންކުރެވިފައިވާ ކަމަށާއި، އެހެންކަމުން ކީރިތި ގުރްއާން ގިނަގިނައިން ކިޔަވައި، ހެނދުނާއި ހަވީރު ކިޔުމަށް ވާރިދުވެފައި ހުރި ދުއާތަކާއި ޒިކުރުތައް އުނގެނި، ތިމާއަށް ކުރިމަތިވާ ކޮންމެ މުސީބާތަކަށް ކެތްތެރިކަމާއި ނަމާދުން ވާގި ހޯދައި، އެކަންކަން ފިއްލަވާތޯ އަޅުތަކުންގެ ދުއާތައް އިޖާބަކުރައްވާ އަޅުތަކުންނާ ކުއްތަން ވުމަަށް ޚުތުބާގައި ވެ އެވެ.