އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން އެ ޕާޓީގެ ހަރުގޭގައި ކޮންމެ ރެއަކު ބާއްވަމުން ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވިއިރު ހަރުގޭގައި ތިބީ ސެކިއުރިޓީން އެކަންޏެވެ.

ހަރުގެއަށް ވަޑައިގެންނެވިއިރު އެއްވެސް ސަޕޯޓަރެއް އެތަނުގައި ނެތުމުން އެމަނިކުފާނު ވަނީ ބޭރަށް ނުކުމެވަޑައިގެން ހަރުގެ ކުރިމަތީ މަޑުކުރައްވާފަ އެވެ. އެމަނިކުފާނު އެތަނުގައި ހުންނަވަނިކޮށް އިރުކޮޅެއްގެ ތެރޭގައި މަދު ސަޕޯޓަރުން ކޮޅެއް އެތަނަށް އައެވެ. މިރޭގެ ބައްދަލުވުން ބޭއްވީ މަދު ސަޕޯޓަރުން ކޮޅާ އެކު އެވެ.

މީގެކުރީގެ ރޭތަނުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން އެ ބައްދަލުވުމަށް ހާޒިރުވެ އެވެ. އެކަމުން ދޭހަކޮށްދެނީ އެމްޑީޕީގައި އެމަނިކުފާނަށް އޮތް ތާއީދު ދުވަހެއް ދުވަހަކަށް ދަށްވަމުންދާތަން ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ބުނެފަ އެވެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކުން ވެސް ވަނީ ބަރުލަމާނީ ނިޒާމާ ދެކޮޅު ހަދާފަ އެވެ.

ބަރުލަމާނީ ނިޒާމް ގެނައުމާ ގުޅޭގޮތުން އެމްޑީޕީގެ ގޮންގްރެސްއަށް އެމަނިކުފާނު ހުށަހެޅުއްވި ހުށަހެޅުން އަނބުރާ ގެނައުމަށް ރައީސް ސޯލިހު އެދިވަޑައިގެންފައިވާތީ މިރޭ ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އެކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

ނަޝީދު ވިދާޅުވީ ފެއާޕްލޭއެއް އޮންނަންޖެހޭ ކަމަށާއި އެއީ އެމަނިކުފާނު ރައީސް ސޯލިހަށް ދަންނަވާ އިލްތިމާސެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ބަލިވީމަ ބަލި ގަބޫލުކުރާނެ ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށްވެސް އިލްތިމާސް ދަންނަވަން ފެއާޕްލޭ އޮންނަންް ޖެހޭނެ. ހަމަހަމަކަން މަތީގައި، އަޅުގަނޑާ ވާދަކުރައްވައިގެން ނުވާނެ އެއްކޮޅުން އޮޅުވާލައްވައިގެން. އަޅުގަނޑަކީ ކަންކަން އޮޅުވާލާ މީހެއް ނޫން. ސާފު ސާދާކޮށް ހުރިހާ ބޭފުޅުންވެސް އަޅުގަނޑާ ވާދަކުރަންވަން ޖެހޭނީ. އަދި އަޅުގަނޑަކީ ރުޅިވެރިކަމާ ނުލައި ހަސަދައަކާއި ނުލައި ހަމަ ސާދާ ގޮތުގައި ވާދަކުރަން ވަރަށް ތައްޔާރަށް ހުރި މީހެއް. އަދި އަޅުގަނޑު ބަލިވީމާ ވަރަށް ރަނގަޅަށް ބަލި ގަބޫލުކޮށް ދާވެސް މީހެއް،" ނަޝީދު ވިދާޅުވިއެވެ.