ވޮޝިންޓަން (18 އޮގަސްޓް) - ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޗައިނާއިން ޓައިވާނަށް ކުރިމަތި ކުރުވަމުންދާ ފިއްތުންތައް އެގޮތުގައި ކުރިއަށް ގެންދާނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާއިން އިރުމަތީ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިއަލް ކްރިޓަންބްރިންކް ވިދާޅުވީ ޓައިވާނުގެ މައްސަލައާ ގުޅިގެން ޗައިނާގެ ބަހާއި އަމަލު ދިމާ ނުވާ ކަމަށާއި އެކަމުގައި ޗައިނާއިން ގެންގުޅޭ ސިޔާސަތުތަކަކީ ބަލައިގަނެވޭނެ ސިޔާސަތުތަކެއް ނޫން ކަމަށެވެ.

ޓައިވާނަކީ އެގައުމުގެ މިލްކެއް ކަމަށް ދައުވާ ކުރަމުން އަންނަ ޗައިނާއިން ދަނީ އެމެރިކާގެ ސްޕީކާ އޮފް ދަ ހައުސް ނޭންސީ ޕެލޯސީ މިދިޔަ ހަފްތާގައި ޓައިވާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ޓައިވާނުގެ ވައިގެ ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ހިންގަމުންނެވެ.

ކޮންފަރެންސް ކޯލެއްގައި ވާހަކަ ދައްކަވަމުން ޑެނިއަލް ވިދާޅުވީ ޗައިނާއިން އަންނަނީ ޓައިވާނުގެ މައްސަލާގައި އަތްގަދަ ކުރުމަށް ބަހަނާއެއްގެ ގޮތުގައި ޕެލޯސީގެ ދަތުރުފުޅު ބޭނުން ކުރަމުން ކަމަށެވެ.

"ޗައިނާއިން ވަނީ ޕެލޯސީގެ ދަތުރުފުޅު އުޒުރަކަށް ހަދައި ޓައިވާނުގެ މައްޗަށް ޕްރެޝާ ކެމްޕެއިނެއް ފަށާފައި. މިއީ އެ ސަރަހައްދުގެ ސުލްހައާއި އަމާންކަމަށް ހުރި ނުރައްކަލެއް." ޑެނިއަލް ވިދާޅުވި އެވެ.

ޑެނިއަލް އިތުރަށް ވިދާޅުވީ ޓައިވާން މައްސަލާގައި އެމެރިކާގެ ވިސްނުން ބަދަލު ނުވާ ކަމަށާއި ޗައިނާއާއެކު މަޝްވަރާތައް އަދިވެސް ކުރިއަށް ހުރި ކަމަށެވެ. -- އަލް އަރަބިއްޔާ