ބޮލީވުޑްގައި ގިނަ ބައެއްގެ ލޯތްބާއި މަޝްހޫރުކަން ހޯދާފައިވާ ޖޯޑުންގެ ތެރޭގައި ކާޖަލް އާއި އަޖޭ ދޭވްގަން ހިމެނެ އެވެ.

އެދެތަރިންގެ ކައިވެންޏަށް 23 އަހަރު ފުރުނު ނަމަވެސް ކައިވެނީގެ ކުރިން ދެތަރިންގެ ގުޅުން ބަދަހިވީ ގޮތަކީ ގިނަ ބަޔަކަށް ނޭނގޭ ވާހަކަތަކެކެވެ.

އެގޮތުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކާޖަލް ވަނީ އަޖޭއާ އެކު ލޯބީގެ ގުޅުން ފެށުނު ގޮތާއި ގުޅިގެން އާންމުންނަށް ވާހަކަތައް ހިއްސާކޮށްފަ އެވެ.

ކާޖަލް ބުނިގޮތުގައި އަޖޭ އަކީ ކުރިން ކާޖަލް ވަރަށް ރުޅިއަންނަ މީހެކެވެ. އެހެންނަމަވެސް ދެތަރިން އެކުގައި ކުޅުނު ފިލްމެއްގެ ސެޓުގައި އެކުވެރިންނަށް ބަދަލުވިކަމަށް އޭނާ ކިޔައިދީފައިވެ އެވެ. އެ އެކުވެރިކަމުގައި އެއްވެސް ލޯތްބެއް އޭރު ނޯންނަ ކަމަށާއި، ދެމީހުންގެ ލޯބިވެރިންގެ ވާހަކަތައްވެސް އެކަކު އަނެކަކާއި ހިއްސާކުރި ކަމަށް ކާޖަލް ބުނެފައިވެ އެވެ.

އެހެންނަމަވެސް ދެތަރިންވެސް ދެތަރިންގެ ލޯބިވެރިންނާއި ރުޅިވި ދުވަސްކޮޅަކީ އެއް ދުވަސްކޮޅެއްކަން ފާހަގަކޮށް ކާޖަލް ބުނީ، ދެތަރިންވެސް ގަޔާވާން ފެށީ އެދުވަސްކޮޅުގައި ކަމަށެވެ. އަދި އެގޮތަށް ގޮސް ކައިވެންޏާއި ހިސާބަށް ގުޅުން ގެންދިޔައީކަމަށް އޭނާ މައުލޫމާތުދީފައިވެ އެވެ.

ކާޖަލް އާއި އަޖޭ ކައިވެނި ކުރީ 1999 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގަ އެވެ. އެދެމީހުންނަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ.