އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް ކުރިއަށް ދިއުން ނޫން ގޮތެއް އެ ޕާޓީ އަށް މިހާރު ނެތް ކަމަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިރޭ ފެށި އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ އެންމެން އެއްބަސްވާ ކަންކަން ހުއްޓަސް ބައެއް ކަންކަމާ މެދު އެންމެންނަށް އެއްބަސް ނުވެވިދާނެ ކަމަށެވެ.
"[ޕާޓީ އަށް] އޮތް ހަމައެކަނި ގޮތަކީ ހިޔާލު ތަފާތުވުންތަކާއި ތަފާތު ހިޔާލުތަކާއެކުގައި ކުރިޔަށް ދިޔުން،" ރައީސް ވިދާޅުވި އެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނާ ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ.
ރައީސް ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ގަބޫލުކުރާ ހަމަތަކަކާ، އުސޫލުތަކަކާ ،ގެންނަން ބޭނުންވާ ބަދަލުތަކެއްގެ މައްޗަށް ކަމަށެވެ. އަދި އޭރު ރާއްޖޭގައި އަނިޔާވެރިކަން އޮތީ ހައްދުން ނައްޓާފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"...އަޑު. އާދެ! އަނިޔާވެރިކަން ހައްދު ފަހަނައަޅާ ދިޔުން. ކުރެވޭ އިޝާރާތަކުން، ބުނެވޭ ބަހަކުން ނުވަތަ ހީވާހީވުމަކުން ވެސް މީހާގެ އަޖަލު އޭނާގެ ދޮރުގާ ޓަކި ޖަހައިފާނެ. އެކަމަށް ވަކި އިރެއް ހިނދެއް، މެންދުރެއް އަދި މެންދަމެއްގެ ތަފާތެއް ނެތް. ވަންނާކަށް ވަކިގެއެއް، ދައްކާކަށް ކޯޓުއަމުރެއް، ފުރިހަމަ ކުރާކަށް ގާނޫނީ އިޖުރާއަތެއް އޭރަކު ނޯވޭ،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީ އުފެދުނުއިރު އޮތް ލާއިންސާނީ އަނިޔާ ނިމުމަކަށް ގެނެވުނީ އެ ޕާޓީގެ ވަރަށް ގިނަ މެންބަރުންގެ ބުރަ މަސައްކަތުން ކަމަށެވެ.
"މިއީ އެދުވަހުގެ ޙާލަތު އޮތްގޮތް. ނައްތާލަން ބޭނުންވީ މިދެންނެވި ބިރުވެރިކަން. ބޭއިންސާފާ ލާއިންސާނިއްޔަތާ އަނިޔާ. ހަމައެކަނި މިބަދަލަށް ބެލި ނަމަވެސް އެމްޑީޕީ އަށް. އެމްޑީޕީއަށް ނިސްބަތްވާ ކޮންމެ މެމްބަރަކަށް ޙައްގުވާ ތަޢުރީފުގެ ކޮޅެއްނެތް،" ރައީސް ވިދާޅުވި އެވެ.