ކޮވިޑް-19 އާ ގުޅިގެން ދޭ ފްރޮންޓް ލައިން އެލަވަންސް ނުލިބޭތީ ހުޅުމާލޭ ހޮސްޕިޓަލްގެ ނަރުހުންނާއި މުވައްޒަފުން މިއަދު ހަވީރު އިހުތިޖާޖް ކޮށްފި އެވެ.

އެ ހޮސްޕިޓަލްގެ ގޯތިތެރޭގައި ކުރި އިހުތިޖާޖްގައި 40 ވަރަކަށް މުވައްޒަފުން ބައިވެރިވި އެވެ.

އެ ހޮސްޕިޓަލްގެ ނަރުހަކު ބުނީ ފްރޮންޓްލައިން އެލަވަންސް އެ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ކަމަށެވެ. ނަމަވެސް މިހާރު އެލަވަންސް ނުދޭން ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މީގެކުރިން ވަނީ ހުރިހާ ނަރުހުންނަށް ފްރޮންޓްލައިން އެލަވަންސް ލިބޭނެ ކަމުގެ ޔަގީންކަން ދީފައި. ނަމަވެސް ވީ އެހެނެއް ނޫން. ހުރިހާ ނަރުހުންނަށް ލިބޭނެ ކަަމަށް ބުނި އެލަވަންސް މިހާރު ލިބެނީ ހަމައެކަނި ކޮވިޑް ފެސިލިޓީއަށް ދިޔަ މީހުންނަށް އެކަނި. ޔަގީންކަން ދިނުމަށްފަހު ނުލިބުނީމަ ޑިސްއެޕޮއިންޓްވާނެ ދެއްތޯ،" މުޒާހަރާގައި ބައިވެރިވި ނަރުހަކު ބުންޏެވެ.

މުޒާހަރާ ކުރި ނަރުހުން ބުނީ ކޮންމެ ނަރުހަކީ ރިސްކުގައި މަސައްކަތް ކުރާ މީހެއް ކަމަށާއި ފަރުވާދޭ ކޮންމެ މީހަކަށް ވެސް ކޮވިޑް ޖެހިފައިވާ ކަމުގެ ބިރު އޮންނަ ކަމަށެވެ.

"ކާކަށްކަން ކޮވިޑް ޖެހިފައި ހުރީ، ކާކަށްކަން ކޮވިޑް ނުޖެހެނީ، ކިހިނެތްތޯ އެނގޭނީ. ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ މީހުން ވެސް ޓެސްޓް ހަދާއިރު ކޮވިޑަށް ޕޮޒިޓިވްވެފައި އެބަހުރި. ބައެއް ތަންތަނުގައި އެބަ ހުރި އޮފީސް ބައިގައި ތިބި މީހުންނަށްވެސް އެލަވެންސް ލިބިފައި. އެލަވަންސް ދިނުމުގައި އެއްވެސް އިންސާފުވެރިކަމެއް ނެތް،" ނަރުހަކު ބުންޏެވެ.

އައިޖީއެމްއެޗްގެ ވޯޑްތަކުގައި މަސައްކަތް ކުރާ ނަރުހުންނަށް ފްރޮންޓްލައިން އެލަވަންސް ދޭއިރު، އެ ހޮސްޕިޓަލްގެ ނަރުހުންނަށް އެ އެލަވަންސް ނުލިބެންވީ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ވަކިއެއްޗެއް ނުބުނެ އެވެ.