ބޮލީވުޑްގައި ކުރިއަރަމުން އަންނަ ދެ ބަތަލާ ކަމަށްވާ ސާރާ އަލީ ހާން އާއި ޖާންވީ ކަޕޫރު އެކުގައި ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
ބޮލީވުޑްގައި ކުރިއަރަމުން އަންނަ މި ދެތަރިން އެކުގައި ފިލްމަކުން ފެންނަން އުޅޭކަން ހާމަކޮށްފައިވަނީ ސާރާ އާއި ޖާންވީ އެމީހުންގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓްގައި އެވެ.
ސާރާ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ހޫނު ކޮފީތަށްޓަކުން ފެށުނު މި ގުޅުން މިހާރު އެކުގައި ފިލްމަކުން ފެންނަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ސާރާ އާއި ޖާންވީ ވަނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ގެނެސްދޭ "ކޮފީ ވިތު ކަރަން" ސީޒަން 7 ގައި ވެސް ބައިވެރިވެފަ އެވެ.
ފިލްމުގެ ޝޮޓެއް ސާރާގެ އިންސްޓަގްރާމްގައި ހިއްސާކުރިއިރު އެ ޕޯސްޓަށް ކޮމެންޓް ކުރަމުން ޖާންވީ ބުނީ މި ފިލްމު ވެގެންދާނީ ވަރަށް ވަރުގަދަ ފިލްމަކަށް ކަމަށެވެ.
ސާރާ އާއި ޖާންވީ އެކުގައި ފެނިގެންދާ ފިލްމާ ބެހޭ ގޮތުން އިތުރު ތަފްސީލެއް އެމީހުން ހާމަކޮށްފައިނުވެ އެވެ.
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސައިފް އަލީ ޚާން އަދި އަމްރިތާ ގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން އާއި ކުޅަދާނަ ބަތަލާ ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދަރިފުޅު ޖާންވީ ކަޕޫރު ފިލްމީ ދާއިރާއަށް ނިކުތީ 2018 ވަނަ އަހަރު އެވެ.
ޖާންވީ އާއި ސާރާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ޖާންވީ އެންމެ ފަހުން ފެނުނީ 'ގުޑްލަކް ޖެރީ' އިންނެވެ. އަންނަ އޮކްޓޯބަރުގައި ރިލީޒް ކުރާ 'މިސްޓަ އެންޑް މިސިޒް މާހީ' އިން ވެސް އޭނާ ފެންނާނެ އެވެ. ސާރާ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ 'ގޭސްލައިޓް' އެވެ.