ނިއު ދިއްލީ (21 އޮގަސްޓް) - އިންޑިއާއަށް ވަރަށް ބޮޑަށް ހޫނުގަދަވެ، ދަނޑުވެރިކަން ދަށްވުމާ ގުޅިގެން އެގައުމުން ގޮވާން ހުސްވެ ބޭރު ގައުމުތަކުން ގޮވާން އެތެރެ ކުރަން ޖެހިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

އިންޑިއާގައި ގޮވާމުގެ ދަނޑުވެރިކަން އިންތިހާއަށް ދަށަށް ގޮސްފައިވާއިރު ބާޒާރުގައި ގޮވާމުގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. މީގެ ސަބަބުން އާއްމު ދިރިއުޅުމަށް ގިނަ އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ.

މިކަމުގެ ސަބަބުން އިންޑިއާއިން ގޮވާން އެކްސްޕޯޓް ކުރުން މަޑު ޖައްސާލާފައިވާއިރު އެގައުމުގެ ގައުމީ ރިޒާވް ވެސް ވަނީ ފާއިތުވެ ދިޔަ 14 އަހަރު ތެރޭގައި ނުވާހާ ދަށްވެފަ އެވެ.

ގޮވާމުގެ ދަނޑުވެރިކަން ދަށްވެ އަގުތައް އުފުލެމުން ދިއުމާއެކު ސަރަކާރުން މިހާރު އަންނަނީ ބޭރު ގައުމުތަކުން ގޮވާން އިމްޕޯޓު ކުރުމުގެ ތައްޔާރީތައް ވަމުންނެވެ.

މިފަދަ ރިޕޯޓުތަކެއް އައިސްފައި މިވަނީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މުޅި ދުނިޔެއަށް ކާއެއްޗެހި ފޯރުކޮށްދޭން އިންޑިއާ ތައްޔާރު ކަމަށް ބުނެ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެކަން އިއުލާން ކޮށްފައި ވަނިކޮށެވެ.

އިންޑިއާއަކީ މުޅި ދުނިޔޭގައިވެސް ގޮވާމުގެ ދަނޑުވެރިކަން ދެވަނައަށް އެންމެ ބޮޑު ގައުމެވެ. އެއީ މި ސަރަހައްދުގައި ގޮވާން އެންމެ ގިނައިން އެކްސްޕޯޓްކުރާ ގައުމެވެ. -- ދަ ސްޓްރެއިޓް ޓައިމްސް