މޫނު ރީތިކޮށް ބެހެއްޓުމޭ ބުނާއިރަށް މިހާރު ގިނަ ބަޔަކަށް ސިފަވަނީ ސެލޫންތަކާއި ސްޕާތަކެވެ. އެތަންތަނުން ދޭ އަގުބޮޑު ޓްރީޓްމަންޓްތަކާއި ޚިދުމަތްތަކެވެ. ނަމަވެސް މިކަންކަމާ ނުލާ ވެސް މޫނު އުޖާލާކަންމަތީ ތާޒާކަމާއެކު ބެހެއްޓުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ.

ރަނގަޅަށް މޫނު ދޮވުން

މޫނު ރީތި ކުރުމަށް އެންމެ މޮޅު ގޮތަކީ ގިނަގިނައިން މޫނު ދޮވުމޭ ބުނެ އުޅެ އެވެ. އެއީ ތެދެކެވެ. ދުވާލަކު މަދުވެގެން ހަތަރު ފަހަރު ނުވަތަ އެއަށްވުރެ ވެސް ގިނައިން މޫނު ދޮވުމަކީ ހަންގަނޑަށް ފައިދާ ކޮށްދޭ އަދި ހަމުގައި އުފެދޭ ނަޖިސް ނައްތާލަދޭ ކަމެކެވެ.

ތުވާލި ބޭނުންކުރުމުގައި ސަމާލުވުން

،މޫނު ދޮވުމަށް ފަހު މޫނު ފޮހެން ބޭނުންކުރާ ތުވާލި ނުވަތަ ފޮތިގަނޑުން މޫނުގައި ބާރުބާރަށް ކާއްތައި ހޭކުމަކީ ހަންގަނޑު ދެމެން މެދުވެރިވާ ކަމެއް ކަމަށް ފަހުގެ ހޯދުންތަކުން ވަނީ ދައްކާފަ އެވެ. މޫނު ފޮހުމުގައި އެންމެ ރަނގަޅު ގޮތަކީ މަޑުމަޑުން ފޮތިގަނޑުން މޫނުގެ ތަންތަން ކޮޅުގައި ޖައްސަމުން މޫނުގައި ނުކޭއްތޭގޮތަށް ފޮހުމެވެ.

ސަން ސްކްރީން އުނގުޅުން

ގިނައިރު އަވީގައި އުޅުމުގެ ސަބަބުން މޫނުގެ ކުލައަށް ބަދަލު އައިސް ހަމަށް ގެއްލުން ވުމަކީ ވަރަށް ވެސް ގާތް ކަމެކެވެ. މިކަމަށް އޮތް ހައްލަކީސަންސްކްރީން ފަދަ ސަލާމަތްތެރި ތަކެތީގެ ބޭނުން ހިފުމެވެ. ގިނަ އިރު އަވީގައި އުޅުމުން މޫނުގެ ލޯކައިރި ކަޅުވެ އަދި އަލްޓްރާ ވައިލެޓް ދޯދިތަކުގެ ސަބަބުން މޫނަށް ގެއްލުންވެ އެވެ.

ގިނައިން ފެން ބުއިން

ފެނަކީ އޭގެ ޒާތުގައި ހަންގަނޑު ރީތި ކޮށްދޭ އެއްޗެއް ކަމުގައި ނުވިނަމަވެސް، ގިނައިން ފެން ނުބޮވެންޏާ ހަންގަނޑަށް ބަދަލު އަންނަކަން ފާހަގަ ކުރެވޭނެ އެވެ. ފެން މަދު ވުމުގެ ސަބަބުން ހަންގަނޑު ކުރަކިވެ އޭގެ ކުލަ ބަދަލު ކުރުވަ އެވެ. އޭގެ އިތުރުން ވެސް ފެނުގެ ސަބަބުން ހަން ހައިޑްރޭޓްކޮށްދީ ތާޒާކަންމަތީ ބަހައްޓައިދެ އެވެ.